ވިޔަފާރި

ދިވެހިން ބޭރުގައި ކުރާ ހޭދަ ބަލަން މި މަހު ސާވޭ ކުރަނީ

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން، ބޭރުގައި ކުރާ ހޭދަ ބަލަން، މިމަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިރާސާ ކުރަން، މަރުކަޒީ ބޭންކުން ތައްޔާރު ވެއްޖެ އެވެ.

ކޮންމެ އަހަރަކު މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކުރާ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" މި އަހަރު ކުރާނީ 22 އިން 28 އަށް ވީއައިއޭގަ އެވެ.

މި ސާވޭއާ ބެހޭ ގޮތުން، އެމްއެމްއޭ އިން ބުނީ މައިގަނޑުގޮތެއްގައި މި ސާވޭގައި އެއްކުރެވޭނީ ރާއްޖެ އިން ބޭރުގައި ދިވެހީން އެކިއެކި ކަންކަމަށް ފައިސާ ހަރަދުކުރާ ގޮތުގެ މައުލޫމާތު ކަމަށެވެ. މިގޮތުން އެއްކުރެވޭ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގްސަދާއި ދަތުރު ކުރި ޤައުމު، ޓިކެޓުގެ ހަރަދު އަދި ކެއުމާއި ހުރުމުގެ ހަރަދު އަދި ބޭސް ފަރުވާއަށް ކުރެވުނު ހަރަދު ހިމެނެ އެވެ. މީގެ އިތުރުން މި ސާވޭގައި ބަލާނީ ދަތުރުފަތުރަށް ހޭދަވި ހަރަދާއި ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތެވެ.

މިދިޔަ އަހަރު އެމްއެމްއޭއިން ސާވޭ ކުރަނީ

އެމްއެމްއޭ އިން ބުނީ މި ސާވޭގައި އަދި ވަކިވަކި ފަރުދުންނާ ގުޅޭ ގޮތުން އެއްކުރެވޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މަރުކަޒީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ކޮށްފައިވާ ދިރާސާ ދައްކާ ގޮތުން ރާއްޖޭން ބޭރަށް މިދިޔަ އަހަރު ދަތުރު ކުރި މީހުންގެ 51 ޕަސެންޓް މީހުން ގޮސްފައިވަނީ ބޭސް ފަރުވާ އަށެވެ. ނަމަވެސް 2015 ވަނަ އަހަރު މި އަދަދު އުޅެނީ 58 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި ސާވޭގައި ޖުމްލަ 4،488 މީހުން ބައިވެރިކޮށްފައިވެ އެވެ.