ހަބަރު

އަދީބު މަރަން އުޅޭ ކަމަށް ބުނާ މައްސަލަ ނުބަލަން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލަން ރާވަމުންދާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ބުނެ އޭނާގެ ވަކީލުން ފުލުހަށް ހުށަހެޅި މައްްސަލަ އަށް އެކަށީގެންވާ މައުލޫމާތު ނެތުމުން އިތުރު މައުލޫމާތު ލިބެންދެން މައްސަލަ ނުބަލަން ނިންމައިފި އެވެ.

އަދީބުގެ ވަކީލެއް ކަމަށްވާ މޫސާ ސިރާޖު މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، އަދީބު މަރާލަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ޕޮލިހަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައި މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

އެ ޓްވީޓްގައި ޕޮލިހުން މައްސަލަ ނިންމި ގޮތާގުޅޭ ޗިޓްގެ ފޮޓޯއެއް ވަނީ ހިމަނާފަ އެވެ. އޭގައި ވަނީ، އަދީބު މަރާލަން އުޅޭ ކަމަށް ބުނެ ޕޮލިހަށް ހުށަހެޅި މައްސަލަ އަށް އޭނާގެ ވަކީލުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ތުހުމަތު ކުރެވޭ ފަރާތެއް ހޯދިފައިނުވާ ކަމަށެވެ. އަދި އެ މައްސަލާ އާއި ގުޅޭގޮތުން ޕީޖީއާއި މަޝްވަރާ ކުރުމުން މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ޖިނާއީ ދައުވާއެއް ނުކުރެވޭނެ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދާ ގޮތަށް ފައިލް ކުރެވިފައިވާ ކަމަށް އޭގައި ވެއެވެ.

އެކަމަށް ރަށްދު ދެއްވައި ސިރާޖް ވިދާޅުވީ، މައްސަލައަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި ނަމަވެސް މައުލޫމާތު ފޯރުކޮށްދިން ފަރާތުގެ ވަނަވަރު ފޯރުކޮށްދިނުމަށް ދެކޮޅު ހަދާފައިވާނެ ކަމަށެވެ.

އަދީބު މަރާލަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައި މަހު އެވެ. އަދީބުގެ ގާނޫނީ ޓީމުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ އަދީބު ދޫނިދޫ ގޮޅީގައި އޮތްވާ އޭނާ މަރާލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ތަހުގީގުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި އެދިފައިވެ އެވެ.