- ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔަކީ ޗައިނާ
- ރާއްޖެ-ޗައިނާގެ ގުޅުން އާ އުސްމިންތަކަކަށް ގޮސްފި
- ޗައިނާއިން ދިވެހިންގެ އުންމީދުތަކަށް އިހުތިރާމް ކުރޭ
ޗައިނާއަކީ ރާއްޖޭގެ ހަގީގީ ރަހުމަތްތެރިއެއް ކަމަށާއި ދިވެހިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެކަނބަލުން މިއަދު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ހާރިޖީ ގުޅުމަށް 45 އަހަރު ފުރުން ފާހަގަ ކުރަން ބެއިޖިންގެ ލެޖެންޑޭލް ހޮޓަލްގައި ދިވެހި އެމްބަސީގެ ފަރާތުން ބޭއްވި ހާއްސަ ހަފްލާގައި ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީޖިންޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، މިވީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އާ އުސްމިންތަކަކަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ ހުޅުލެ-މާލެ ބްރިޖް މަޝްރޫއު އަދި އެއާޕޯޓްގެ އާ ރަންވޭ އެޅުމުގެ މަޝްރޫއު 2018 ގައި ނިމުމުން އެއީ ރާއްޖެ-ޗައިނާގެ ގުޅުމުގެ ދެމި ހުންނަ ރަމްޒަކަށް ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ މިހާރު ދެކެމުން މި ދަނީ ތާރީހީ ދުވަސްތަކެއް. ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ފެށި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވި އިގްތިސާދަށް މި އަންނަނީ އާރޯކަން ލިބެމުން. ދިވެހިންގެ މި ހުވަފެންތައް ހަގީގަތަކަށް ވަމުން ދިޔުމުގައި ޗައިނާގެ ދައުރު ބޮޑު.ރައީސް އަބްދުﷲ ޔާމީން
ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ވައިސްޗެއާ ބައިވެރިވެ ވަޑައިގެން އެ ހަފްލާގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ އިގްތިސާދަށް ބަދަލުތައް ގެނެސް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކާއި އިތުރު ފާގަތިކަން އެންމެހާ ދިވެހިންނަށް ހޯދައިދިނުމަށް ކަމަށެވެ. އެ ދަތުރުގައި ގިނަ ގުނަ ގޮންޖެހުންތަކެއް ކުރިމަތިވެ ވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް މި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ޗައިނާއިން ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ޗައިނާއަކީ ދިވެހިންގެ އުންމީދުތައް ދަނެގެން ދިވެހިންގެ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރާ ރާއްޖެއަށް ހެޔޮ އެދޭ ރަހުމަތްތެރިއެކެވެ.
"ރާއްޖެ މިހާރު ދެކެމުން މި ދަނީ ތާރީހީ ދުވަސްތަކެއް. ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ފެށި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވި އިގްތިސާދަށް މި އަންނަނީ އާރޯކަން ލިބެމުން. ދިވެހިންގެ މި ހުވަފެންތައް ހަގީގަތަކަށް ވަމުން ދިޔުމުގައި ޗައިނާގެ ދައުރު ބޮޑު. ޗައިނާއަކީ މިއަދު ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ހިއްސާދާރު. ރާއްޖޭގެ ދާހިލީ ކަންކަމުގައި ދިވެހިންގެ އަމިއްލަ ހައްލުތައް ހޯދުމަށް ޗައިނާއިން އަބަދުވެސް ފުރުސަތު ދޭ. ރާއްޖޭގެ އިސްތިގުލާލަށް އިހުތިރާމްކޮށްގެން ތަރައްގީގެ ކަންކަމުގައި ކުރިއަށް ދިޔުމަށް ޗައިނާ ވަނީ އަތުގުޅާލާފައި،" ރައީސް ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ޝީގެ ލީޑަޝިޕަށް ތައުރީފް ކުރައްވަމުން ރައީސް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއަކަށް ވުމުގެ އިތުރަށް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ޓޫރިޒަމްގެ ވެސް މުހިންމު ބައިވެރިއެއް ކަމަށެވެެ. އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ތިން ބައިކުޅައެއްބަޔަކަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާ ކަމަށް ރައީސް ވިދާޅުވި އެވެ. ޗައިނާއިން އަންނަ މިލިއަނެއްހާ ޓޫރިސްޓުންނަކީ ރާއްޖެ-ޗައިނާގެ ގުޅުން ބަދަހިވުމުގެ މުހިންމު ސަބަބެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ވެސް ގާތް ގުޅުމެއް އޮންނަކަން ވެސް ރައީސް މިރޭ ފާހަގަ ކުރެއްވި އެވެ. އެގޮތުން އެންމެ ކުރީ ޒަމާނުގައި ވެސް ކަނޑު ހުރަސްކޮށް ޗައިނާގެ ވިޔަފާރިވެރިން ކުރާ ދަތުރުތަކުގައި އެފަރާތްތަކުން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަން ތާރީހީ ފަތްފުއްތަކުން އެނގޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތީވެސް މި ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ދުވަސްތަކެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރީތިކަން ދެކިލުމާ އެންމެހާ ޗައިނާގެ ރައްޔިތުން ރާއްޖެ ޒިޔާރަތް ކުރުމަށް ރައީސް ދައުވަތު ދެއްވި އެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ދެކަނބަލުންނަށް ޗައިނާއިން އެރުވި މެހެމާންދާރީއަށް ޓަކައި ޝުކުރު އަދާކުރައްވައިފަ އެވެ.