މޯލްޑިވިއަން އިން ސަލާމަތީ މިންގަނޑުތަކާ ހިލާފަށް އޮޕަރޭޓް ކުރަމުންދާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށް، އެންމެ ބޮޑަށް އިސްކަން ދެނީ ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތަށް ކަމަށް، އެއާލައިނުން މިއަދު ބުނެފި އެވެ. އަދި އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފަ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަން (އައިއޭސް) ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އެއާލައިން ސަލާމަތީ މިންގަނޑުތަކާ ހިލާފަށް އޮޕަރޭޓް ކުރާ ކަމަށް ބުނެ، ސައްހަ ނޫން ހަގީގަތާ ހިލާފަށް ހަބަރުތައް ބަޔަކު ފަތުރަމުންދާ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ ގައުމީ އެއާލައިންއަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަނާއި އިކާއޯ ގަބޫލުކުރާ މިންގަނޑުތަކަށް އޮޕަރޭޓް ކުރަމުން ގެންދާ އެއާލައިންއެއް ކަމަށް ބުނެފައިވެ އެވެ.
ވަކިބައެއްގެ މަސްލަހަތު ކުރިއަށް ނެރެ، ވަކި ބައެއްގެ ލާބައާއި މަންފާއަށްޓަކައި ސައްހަނޫން މައުލޫމާތު ބައެއް ފަރާތްތަކުން ފަތުރަމުންދާތީ، ނުހަނު ކަންބޮޑުވޭމޯލްޑިވިއަން
"މި އެއާލައިންއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކާއި އަދި ކަނޑައެޅިފައިވާ ގަވާއިދުތަކުގެ އިމުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ގަވައިދުން އޮޑިޓް ކުރެވޭ އެއާލައިނެއް ކަމަށް ދަންނަވަމެވެ،" މޯލްޑިިވިއަންއިން ބުނެފައިވެ އެވެ.
"ކަން މިހެން އޮތްއިރު، ވަކިބައެއްގެ މަސްލަހަތު ކުރިއަށް ނެރެ، ވަކި ބައެއްގެ ލާބައާއި މަންފާއަށްޓަކައި ސައްހަނޫން މައުލޫމާތު ބައެއް ފަރާތްތަކުން ފަތުރަމުންދާތީ، ނުހަނު ކަންބޮޑުވާ ކަމެކެވެ."
މޯލްޑިވިއަން އިން ބުނީ މިފަދަ ކަންކަމަކީ ދިވެހިންގެ 100 ޕަސެންޓް ހިއްސާވާ އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށެވެ. މިހެންކަމުން ސައްހަ ނޫން ވާހަކަ ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
މިގޮތަށް އިންޒާރުކޮށް މޯލްޑިވިއަން އިން ނޫސްބަޔާނެއް ނެރުނު އިރު މޯލްޑިވިއަންގެ ބައެއް ޕައިލެޓުން އަންނަނީ އެ ކުންފުނީގެ ބައެއް އުސޫލުތަކާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އެވެ. އެގޮތުން ޕައިލެޓުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހިފައި ވަނީ ޗުއްޓީއަކާ ނުލާ މަސައްކަތް ކުރެވޭ ދުވަސް ހަތް ދުވަހަށް އިތުރުކޮށްފައި ވާތީ އެކަމުގެ ސަބަބުން ޕައިލެޓުން ލޮޑުވެ ފްލައިކުރަން އުނދަގޫވާ މައްސަލަ އެވެ. މީގެ ކުރިން ފަސް ދުވަހު މަސައްކަތްކޮށް ދެ ދުވަހުގެ ޗުއްޓީ މޯލްޑިވިއަން އިން އައީ ޕައިލެޓުންނަށް ދެމުން އެވެ.