ހަބަރު

އަދީބު ކޯޓަށް ހާޒިރުނުކުރުމުން ބޭސްފަރުވާގެ މައްސަލަ ކެންސަލް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ މިއަދުގެ އަޑުއެހުމަށް ޗިޓް ފޮނުވި ނަމަވެސް އަދީބު ކޯޓަށް ހާޒިރުކޮށްފައިނުވާތީ، އަޑުއެހުން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މައްސަލަ ހުށަހެޅިތާ ހަތަރު މަސް ދުވަހުން މައްސަލަ ބަލައިގަނެ މިއަދަށް ތާވަލުކުރި މައްސަލާގެ ފުރަތަމަ އަޑުއެހުން ކުރިއަށް ނުގެންދެވުނު ސަބަބާ ގުޅޭ ގޮތުން އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، ސިވިލް ކޯޓުގެ އަޑުއެހުމުގެ ވަގުތު ޖެހުނުއިރު ވެސް އަދީބު ކޯޓަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ.

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބަށް ލޮލުގެ ބައްޔެއް ކަމަށްވާ ގޮލްކޯމާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެއިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފަ އެވެ.

އަދީބުގެ ވަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅި މައްސަލާގައި އަދީބަށް ރާއްޖެއިން ކުރެވެން ނެތް ފަރުވާތަކަށް ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް ވަނީ އެދިފަ އެވެ.

އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.