ވިޔަފާރި

އެފްޓީއޭއާއެކު އާމްދަނީއިން 7.8 މިލިއަން ޑޮލަރު ގެއްލޭނެ

  • ޗައިނާއިން ގެންނަ 8،626 މުދަލަކުން ޑިއުޓީ ނުނަގާނެ
  • ޗައިނާގެ މުދާ ރާއްޖޭގެ ބާޒާރުގައި އިތުރުވާނެ ކަމަށް ލަފާކުރޭ
  • ޖީއެސްޓީ އާއި ބީޕީޓީ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރޭ

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން، ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމުން ދައުލަތުގެ އާމްދަނީ އިން 7.8 މިލިއަން ޑޮލަރު (120.3 މިލިއަން ރުފިޔާ) އުނިވެ، އެކަމުގެ އަސަރު އާމްދަނީއަށް ކުރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފި އެވެ.

ނިމިދިޔަ ހަފުތާގައި ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި ދެ ގައުމުން ސޮއިކުރި އެއްބަސްވުމަށް ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ އެއްބަސްވުމުގެ ހުލާސާ އާއި އެގްރިމަންޓްގެ ކޮޕީއެއް "އަވަސް"އަށް ލިބިފައިވާ އިރު އޭގައި ބުނެފައި ވަނީ ރާއްޖެއިން ޑިއުޓީ އުނިކުރާނީ ޗައިނާއިން ރާއްޖެ ގެންނަ 8،626 މުދަލަކަށް ކަމަށެވެ. އަދި ރާއްޖެއިން ޗައިނާއަށް އެތެރެ ކުރާ މުދަލުގެ ތެރެއިން 8،277 ބާވަތަކުން ޑިއުޓީ އުނިކުރާނެ އެވެ.

އެއްބަސްވުމުގައިވާ ގޮތުން، އެފްޓީއޭ އަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، "އޭ" ކެޓަގަރީގައި ހިމެނޭ މުދާ ޗައިނާ އިން ރާއްޖެ އެތެރެކޮށްގެން ލިބޭ އާމްދަނީ އިން ހަތަރު މިލިއަން ޑޮލަރު އުނި ވެގެންދާނެ އެވެ. މި ކެޓަގަރީ އިން 2014 ވަނަ އަހަރު 73.43 މިލިއަން ޑޮލަރުގެ މުދާ ޗައިނާ އިން ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. އަދި މި މުދަލުން ޑިއުޓީގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ ޑިއުޓީ އާމްދަނީގެ 40 ޕަސެންޓެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރާއި ބޭރުގެ އަގުތަކަށް އަންނަ ބަދަލުތައް އަދި ޗައިނާ އިމްޕޯޓް ރާއްޖެއަށް އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ބައެއް ބާވަތްކުގެ އިމްޕޯޓް ޗައިނާ މާކެޓަށް ޑައިވާޓްވުމުގެ ފުރުސަތު އޮތުމުން އަހަރަކު ގެއްލޭ އަދަދު އަށް މިލިއަން ޑޮލަރަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ
އެފްޓީއޭއާ ގުޅޭގޮތުން މަޖިލީހަށް ފޮނުވި ލިޔުން

މިގޮތުން އެއްބަސްވުމަށް އަމަލު ކުރަން ފަށާ އަހަރު ސީދާ ގޮތުން އާމްދަނީ އިން ގެއްލޭނީ ހަތަރު މިލިއަން ޑޮލަރުކަމަށް އަންދާޒާ ކުރެ އެވެ. އަދި އެއްބަސްވުމަށް އަމަލު ކުރަން ފަށާތާ އަށް ވަނަ އަހަރުން ފެށިގެން އަހަރަކު ގެއްލޭނީ އަށް މިލިއަން ޑޮލަރުު ނޫނީ 7.8 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައި ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ. އާމްދަނީ އިން ގެއްލޭ އަދަދު އަހަރުން އަހަރަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައި ވަނީ ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރުވާނެ ކަމަށް ބަލައިގެން އެވެ.

"... ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރާއި ބޭރުގެ އަގުތަކަށް އަންނަ ބަދަލުތައް އަދި ޗައިނާ އިމްޕޯޓް ރާއްޖެއަށް އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުން ބައެއް ބާވަތްކުގެ އިމްޕޯޓް ޗައިނާ މާކެޓަށް ޑައިވާޓްވުމުގެ ފުރުސަތު އޮތުމުން އަހަރަކު ގެއްލޭ އަދަދު އަށް މިލިއަން ޑޮލަރަށް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ." މަޖިލީހަށް ފޮނުވި ކަރުދާހުގައިވެ އެވެ.

އެއްބަސްވުމުގައިވާ ގޮތުގައި އެފްޓީއޭއަށް އަމަލު ކުރަން ފަށާތާ، ފަސް އަހަރު ތެރޭގައި ކެޓަގަރީ "ބީ" ގައި ހިމެނޭ 1751 މުދަލުން ޑިއުޓީގެ ގޮތުގައި، 2.35 މިލިއަން ޑޮލަރު އުނި ވެގެންދާނެ އެވެ. މި ކެޓަގަރީގައި ޗައިނާ އިން 2014 ވަނަ އަހަރު 15.9 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި މި މުދަލުގެ އިމްޕޯޓް ޑިއުޓީ އިން 2.35 މިލިއަން ޑޮލަރު ރާއްޖެއަށް ލިބިފައިވެ އެވެ.

މީގެ އިތުރުން، އަށް އަހަރު ތެރޭގައި ކެޓަގަރީ "ސީ" ގައި ހިމެނޭ 433 މުދަލުން، ޑިއުޓީގެ ގޮތުގައި 1.54 މިލިއަން ޑޮލަރު ގެއްލޭނެ އެވެ. މިބައިން 2014 ވަނަ އަހަރު 10.25 މިލިއަން ޑޮލަރު މުދާ ރާއްޖެ އެތެރެކޮށްފައިވެ އެވެ. އަދި އާމްދަނީގެ ގޮތުގައި ޑިއުޓީއިން 1.54 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މި އަދަދު ގެއްލިގެންދާނެ އެވެ.

މީގެ އިތުރުން އެއްބަސްވުމުގައި ޑިއުޓީ ކަނޑާނުލުމަށް އެއްބަސްވާ "ސެންސިޓިވް ލިސްޓެއް ވެސް" ވަނީ އެކުލަވާލާފަ އެވެ. މިބައިން ޗައިނާ އިން 5.16 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި 2.16 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. އެބައިގައި ބޮޑަށް ހިމެނެނީ ވަރަށް ބޮޑެތި ޑިއުޓީ ނަގާ ސިގިރޭޓާއި، ޕްލާސްޓިކް ކޮތަޅާއި އޫރުމަސް އަދި ރަލުގެ ބާވަތްތަކެވެ.

ގެއްލޭ އާމްދަނީ ފޫބެއްދުމަށް ސަރުކާރުން ރާވާފައިވާ ގޮތްވެސް މަޖިލީހަށް ފޮނުވި ކަރުދާހުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން އެ ކަރުދާހުގައި ބުނެފައި ވަނީ، ޗައިނާއިން އެތެރެ ކުރާ މުދާ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރުވެ އެ މުދާ ރާއްޖޭގެ މާކެޓްގައި ވިއްކަން ފެށުމުން އޭގެ ތެރެއިން ގިނަ މުދަލަކީ ޖީއެސްޓީ ނަގާ ބާވަތުގެ މުދަލަށް ވާތީ ޖީއެސްޓީގެ ޒަރިއްޔާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި އެފްޓީއޭގެ ސަބަބުން ޗައިނާއިން ރޯ މެޓީރިއަލް ގެނެސް ރާއްޖޭގައި ތަކެތި އުފައްދައިގެން ވިއްކުމާއި ބައެއް ސިނާއަތްތަކަށް ޗައިނާގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭ ގޮތް ވުމުން އިތުރު ވިޔަފާރިތައް ރާއްޖެ އައުމުގެ ސަބަބުން ވިޔަފާރިތަކުގެ ފައިދާ އިތުރުވެ ވިޔަފާރި ފައިދާގެ ޓެކުހުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ރާއްޖެއިން އަދި ސޮއިކޮށްފައިވީ ނަމަވެސް، މި އެއްބަސްވުމަށް އަމަލު ކުރަން ފެށޭނީ މަޖިލީހުން އެކަމާ ގުޅޭ ގާނޫނެއް ފާސްކޮށްގެން އެވެ.