ވިޔަފާރި

ރާއްޖެއަށް ދުނިޔޭގެ އެންމެ ހިތް ގައިމު ހަނީމޫން މަންޒިލްގެ އެވޯޑު

ވޯލްޑް ޓްރެވަލް އެވޯޑުގައިދޭ، ދުނިޔޭގެ އެންމެ ހިތް ގައިމު ހަނީމޫން މަންޒިލާއި އިންޑިޔާ ކަނޑުގެ އެންމެ ހިތް ގައިމު ފީނުމުގެ މަންޒިލްގެ އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.

ވިއެޓްނާމްގެ ޖޭޑަބްލިއު މެރިއޮޓް ހޮޓެލްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖެއަށް ލިބުނު އެވޯޑުތަކާ ހަވާލުވެ ލެއްވީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

ރާއްޖެއަށް އެވޯޑު ލިބިފައިވަނީ ވާދަވެރި ގިނަ ގައުމުތަކާ ވާދަކޮށެވެ. ރާއްޖޭން ވާދަކުރި ގައުމުތަކުގެ ތެރޭގައި ތައިލެންޑާއި ހަވާއީ އަދި ސީޝެލްސް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާ އާއި ޔޫއޭއީ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

އެވޯޑުތައް ރާއްޖެއަށް ލިބުމާ ގުޅިގެން އެކްޓިން އެމްޑި ހާރިސް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް 10 އެވޯޑެއް ލިބިފައިވެ އެވެ.

ޓޫރިޒަމް ދާއިރާގެ، އޮސްކާގެ ގޮތުގައި ބަލާ، ވޯލްޑް ޓްރެވަލް އެވޯޑު މީގެ ކުރިންވެސް ރާއްޖެއަށް ލިބިފައިވެ އެވެ.