ވިޔަފާރި

ރާއްޖެ ގެންނަ ޗައިނާ މުދަލުގެ ފެންވަރު ބަލަން ލެބެއް ހަދަނީ

ޗައިނާ އިން ރާއްޖެ އަށް އެތެރެކުރާ މުދަލުގެ ފެންވަރު ބަލަން ލެބެއް ހަދަން، ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެއްބަސްވުމުގައި ހިމަނައިފި އެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގައިވާ ގޮތުން، ޗައިނާ އިން ރާއްޖޭގައި "ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީ ލެބެއް" ގާއިމް ކުރުމަށް ވަނީ އެއްބަސްވެފަ އެވެ. މި ލެބްގެ ބޭނުމަކީ ޗައިނާއިން ރާއްޖެ ގެންނަ އުފެއްދުންތަކުގެ ކޮލިޓީ ބަލައި ހުއްދަ ދިނުމެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ރާވައި ހިންގާ ތަޖުރިބާ އާއި ތަމްރީން ޕްރޮގްރާމްތަކުގައި ރާއްޖޭން ބައިވެރިވާން ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ޑިއުޓީ އުނިކުރާނީ ޗައިނާ އިން ރާއްޖެ ގެންނަ 8،626 މުދަލަކަށް ކަމަށެވެ. އަދި ރާއްޖެ އިން ޗައިނާ އަށް އެތެރެ ކުރާ މުދަލުގެ ތެރެއިން 8،277 ބާވަތަކުން ޑިއުޓީ އުނިކުރާނެ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭން 64 ދާއިރާއެއް ހުޅުވާލާއިރު، ޗައިނާ އިން 98 ދާއިރާއެއް ހުޅުވާލާނެ އެވެ. މިގޮތުން ޗައިނާގެ ގިނަ އަދަދެއްގެ މުދާ ޑިއުޓީ މައާފުކޮށް ރާއްޖެއަށް އެތެރެ ކުރެވޭނެ އެވެ. އަދި ކުރިއަށް އޮތް އަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ގެންނަ މުދާ ވަަރަށް ބޮޑުތަން އިތުރުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

އެފްޓީއޭގެ ސަބަބުން މުދަލުގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމުން ދައުލަތުގެ އާމްދަނީ އިން 7.8 މިލިއަން ޑޮލަރު (120.3 މިލިއަން ރުފިޔާ) އުނިވެ، އެކަމުގެ އަސަރު އާމްދަނީ އަށް ކުރާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. އެހެން ނަމަވެސް، ޗައިނާއިން ގެންނަ ގިނަ މުދަލަކީ ޖީއެސްޓީ ނެގޭ ތަކެއްޗަށް ވުމުން ޖީއެސްޓީގެ އާމްދަނީ ބޮޑުތަކުން އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި މީގެ އިތުރަށް ޗައިނާއިން ރާއްޖެއަށް ރޯ މެޓީރިއަލް ގެނެސް ރާއްޖޭގައި އުފެއްދުންްތައް އުފެއްދުމާއި އެހެން ވެސް ގިނަ ޗައިނާގެ ވިޔަފާރިތައް ރާއްޖޭގައި ހުޅުވޭނެތީ ވިޔަފާރިތަކުގެ ފައިސާ އިތުރުވެ، ބީޕީޓީ ނޫނީ ވިޔަފާރި ފައިދާގެ ޓެކްހުގެ އާމްދަނީ އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.