ވިޔަފާރި

އެފްޓީއޭއިން ސަފާރީ ސިނާއަތަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދީފި

  • ލޭމްއިން ވަނީ މިނިސްޓަރާ ބައްދަލުކޮށްފަ
  • ސަފާރީ އޯން ކުރެވޭނީ ހަމައެކަނި ދިވެހިންނަށް
  • ރާއްޖޭގައި 150 ގިނަ ސަފާރީ ހިދުމަތް ދޭ

ޗައިނާ ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސަފާރީ ސިނާއަތަށް ގެއްލުން ނުވާނެކަމުގެ ޔަގީންކަން، އިކޮނޮމިކް މިނިސްޓްރީ އިން ސަފާރީ އޮޕަރޭޓަރުންނަށް ދީފި އެވެ.

ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމަންޓް (އެފްޓީއޭ) އެއްބަސްވުމުގައި ސަފާރީ އޯން ކުރުމުގެ ހުއްދަ ޗައިނާގެ ފަރާތްތަކަށް ދީފައިވާ ކަމަށް ވާހަކަ ދެކެވޭތީ، ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ވަނީ މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި ލޭމްގެ ރައީސް އިބްރާހިމް ޝާހިދު އާއި ނައިބް ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސޭ) ގެ އިތުރުން ބޯޑް މެންބަރު އާމިރު މަންސޫރާއި މުފީދު އަބްދުﷲ އަދި އަހުމަދު ޒުބައިރު އާދަމް ވެސް ބައިވެރި ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ލޭމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ މިއަދު ވިދާޅުވީ މިނިސްޓަރު ސައީދުއާ ބައްދަލުކޮށްފައިވާ ކަމަށާ، މި ބައްދަލުވުމުގައި ދިވެހި ސަފާރީ ސިނާއަތަށް އެފްޓީއޭ އިން އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

"މިނިސްޓަރު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ އެއްވެސް ގާނޫނަކަށް ބަދަލެއް ނާނާނެ ކަމަށް. މިހާރު ވެސް އޮތް ގޮތަށޭ ކަންތައް އޮންނާނީ. ސަފާރީ ބޯޓު އޯން ކުރެވޭނީ ދިވެހިންނަށޭ. ކުރިން އަޅުގަނޑުމެންގެ ކޮންސާންއަކީ ޗައިނާ މީހުންނަށް އޯން ކުރެވިދާނެތީ. އެހެންވެ މިހާރު އެކަން މިހާރު ހައްލުވީ. މިހާރު ލިވަ ބޯޑްސް ކަންބޮޑުވާ ކަމެއް ނެތް،" އިގްނާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ އެއްވެސް ގާނޫނަކަށް ބަދަލެއް ނާނާނެ ކަމަށް. މިހާރު ވެސް އޮތް ގޮތަށޭ ކަންތައް އޮންނާނީ. ސަފާރީ ބޯޓު އޯން ކުރެވޭނީ ދިވެހިންނަށޭ. ކުރިން އަޅުގަނޑުމެންގެ ކޮންސާންއަކީ ޗައިނާ މީހުންނަށް އޯން ކުރެވިދާނެތީ. އެހެންވެ މިހާރު އެކަން މިހާރު ހައްލުވީ. މިހާރު ލިވަ ބޯޑްސް ކަންބޮޑުވާ ކަމެއް ނެތް
ލޭމްގެ ސެކެޓްރީ ޖެނެރަލް އިގްނާޒް

"ވިދާޅުވި އެފްޓީއޭގެ ސަބަބުން ސަފާރީ ބަންނަން ގެންނަ ތަކެތީގެ ޑިއުޓީއަށް އަންނަ ބަދަލުގެ ސަބަބުން ފައިދާ ކުރާނެ ކަމަށް."

ރާއްޖޭގެ ސަފާރީ އިންޑަސްޓްރީ ހިންގުމުގެ ގަވާއިދު މިހާރު އޮތް ގޮތުން މި ވިޔަފާރީގެ ވެރިންނަށް ތިބެވޭނީ ދިވެހި ކުންފުނިތަކަށެވެ. މި އިންޑަސްޓްރީގައި ގާތްގަނޑަކަށް 150 އުޅަނދު ހިދުމަތްދެ އެވެ. އަދި މި ދާއިރާއިން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް 8.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވައްދާފައިވެ އެވެ.