ރާއްޖޭގެ ސަފާރީ ސިނާއަތް ދިވެހިންނަށް ހާއްސަ ކުރަންވީ މިހެން ވެގެންނެވެ. މިއީ ދިވެހިންގެ ދާއިރާއެކޭ ބުނަން ޖެހޭ ސަބަބަކީ މިއީ އެވެ. ދިވެހިންގެ ބުރަ މަސައްކަތުން ވަރުގަދަ ކުރި މި ސިނާއަތުގައި މި ފަދަ އެތަށް ނަމެއް ހިމެނެ އެވެ. އެ ފަދަ އެއް ބޭފުޅަކީ މުހައްމަދު ވަހީދު ހަސަން އެވެ. ސަފާރީގެ ވިޔަފާރި ފެށުމުގެ ކުރިން މިއީ ސަރުކާރު މުވައްޒަފެކެވެ. ނަވާރަ ސަތޭކަ ހަތް ދިހައިގެ އަހަރުތަކުގައި އޭރުގެ ފިނޭންސް މިނިސްޓްރީ، ޓްރެޒަރީ 'ހ' އޮފީހުގަ އެވެ. ވަޒީފާއަކީ އެއް ނަމްބަރު ކާތިބު ކަމެވެ. އޭގެ ފަހުން އެސްޓީއޯގެ މެނޭޖަރުކަން ކުރެއްވުމަށް ފަހު އެއާޕޯޓްސް ކޮމްޕެނީ އަށް ވެސް ހިދުމަތް ކުރެއްވި އެވެ.
"ސަރުކާރުގައި އުޅުނުއިރު އޭރުގެ މުސާރައަކީ މަހަކު 125 ރުފިޔާ. އޭރަށް ބަލާއިރުގެ ރަނގަޅު މުސާރައެއް. ދިރިއުޅުން މި ހިސާބަށް އައުމުގައި ސަފާރީ ދާއިރާ މުހިންމު ދައުރެއް އަދާކުރި،" ސަރުކާރަށް 19 އަހަރު ހިދުމަތް ކުރެއްވި ވަހީދު ވިދާޅުވި އެވެ.
ދޯންޏެއް، ސަފާރީއަކަށް ބަދަލުކޮށްލީ
ސަފާރީ ސިނާއަތުގައި ސީދާ މަސައްކަތް ކުރަން ފެށުމުގެ ކުރީގައިވެސް ވަހީދު ވަނީ ކަނޑު އުޅަނދު ފަހަރު ދުއްވާފަ އެވެ. މިގޮތުން 1980 ގެ އަހަރުތަކުގައި ކުޑަ ދޯންޏެއް ބަނދެ، އެ ދޯނި ޑިފެންސް މިނިސްޓްރީ އަށް ކުއްޔަށް ދިނެވެ. ނަމަވެސް މި ދާއިރާގައި ރަސްމީކޮށް މަސައްކަތް ފެއްޓެވީ 2003 ވަނަ އަހަރު އެވެ. ގާތްގަނޑަށް 63 ފޫޓުގެ ދޯނި ސަފާރީއަކަށް ބަދަލުކޮށް، ސަފާރީ އޮޕަރޭޓް ކުރުމުގެ ވިޔަފާރީގެ ތެރެއަށް ނުކުންނެވި އެވެ. އެ ދުވަސްވަރު ރާއްޖޭގައި މާކަގިނަ ސަފާރީ އުޅަނދުތަކެއް ނުހުރެ އެވެ.
"ވަރަށް ނަސީބު ރަނގަޅުކޮށް މާތް ﷲ އިރާދަފުޅުން ދިމާވީ. ފުރަތަމަ މި ދޯނި ކުއްޔަށް ދިނީ ސޮލާހު ޝިހާބަށް. ދެން ކުއްޔަށް ދިނީ ސިލްވިއާނާ އަށް. އޭގެ ފަހުން ފްރާންސް ބަޔަކަށް ދިނީ. މި ދޯނި ފެށިގެން ދިޔައީ" ވަހީދު ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ސަފާރީއަކީ "ދިނަޝަ" އާއި "އޯކާ" އެވެ. މި ދެ ސަފާރީއަކީ އެ ދުވަސްވަރުގެ ގޮތުން ބަލާއިރު އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ބޮޑެތި ސަފާރީ ބޯޓު ފަހަރެވެ. އަދި ފަހުން އޯކާ ސަފާރީ ދިވެހި ކުންފުންޏަކަށް ވިއްކާލީ އެވެ.
މުގުލުގައި ދަރިން، މިއީ މިސާލެއް
ވަހީދު ވަނީ އެންމެ ސަފާރީ އަކުން ފެށި މަސައްކަތުން ގިނަ ކާމިޔާބީ ތަކެއް ހޯއްދަވާފަ އެވެ. މި ދާއިރާގައި ހޯއްދެވި އެންމެ މުހިންމު އެއް ކާމިޔާބީއަކީ ދަރިންނަށް ރަނގަޅު ތަރުބީއްޔަތަކާއި ތައުލީމެއް ދިނުމެވެ. މިގޮތުން ވަހީދުގެ ހަތަރު ކުދިން ތިބެ އެވެ. އެއް އަންހެން ކުއްޖަކާއި ތިން ފިރިހެން ކުދިންނެވެ. ހުރިހާ ކުދިން ވެސް ވަނީ ޒަމާނީ ތައުލީމް ހޯއްދައިދީފަ އެވެ. އަދި އާއިލީ ވިޔަފާރި ހިންގުމުގެ މުގުލުގައި މިހާރު ތިބީވެސް އެ ކުދިންނެވެ.
"މި ޒަމާނުގައި ވަރަށް މަދު މީހެއްގެ ދަރިހެއް ނޫނީ ވިޔާނުދާ ކަމެއްގައި އުޅޭނީ. އެކަމަކު އަޅުގަނޑުގެ ދަރިން މާތްﷲ ގެ އިރާދަފުޅުން ވަރަށް ރަނގަޅު. ހަމަ އާދަޔާ ހިލާފު ރަނގަޅު ދަރިން މިއީ. އަހުލާގީ ގޮތުން ވެސް. މީހުންނާ މުއާމަލާތް ކުރާއިރު ވެސް ވަރަށް ރަނގަޅަށް ކުރާނީ،" ވަހީދު ވިދާޅުވި އެވެ.
ސަފާރީއާއެކު ވިޔަފާރީގެ އާ ކުރިތަކެއް
ދަރިންނަށް މަތީ، ތައުލީމް ދެއްވުމުގެ އިތުރުން ސަފާރީން ފެށި ވިޔަފާރި އެކި ގޮފި ތަކަށް ވަނީ ބަދަލު ކުރައްވާފަ އެވެ. ވިޔަފާރި ވަނީ ފުޅާ ކުރައްވާފަ އެވެ. މިގޮތުން 2009 ވަނަ އަހަރު ވަނީ ގެސްޓްހައުސް ވިޔަފާރި ވެސް ފަށާފަ އެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވީ ހުޅުމާލޭގަ އެވެ. އޭގެ ފަހުން ހދ. ހަނިމާދޫގައި ގެސްޓްހައުސްއެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ތުލުސްދޫގައި ތިން ގެސްޓްހައުސް އެއް ހިންގަ އެވެ. އަދި ޑައިވިން އާއި މޫދުކުޅިވަރުގެ ހިދުމަތްވެސް ދެ އެވެ. އަދި 2010 ވަނަ އަހަރު ޓްރެވަލް ކުންފުންޏެއް ހަދައި އެ ކުންފުނިން 5،000 އަށްވުރެ ގިނަ ޓޫރިސްޓުން ގެނެ އެވެ. އަދި ސަފާރީ ވިޔަފާރިން ރިއަލްއެސްޓޭޓް އުސޫލުން 10 ބުރީގެ އޮފީސް އިމާރާތެއް ވެސް ވަނީ ހަދާފަ އެވެ.
"މި ހުރިހާ ވިޔަފާރިއެއްގެ ތެރެ އަށް ނުކުމެވުނުމަވެސް، އަދި ވެސް ބޭނުންވަނީ ހަމަ މި ދާއިރާގައި އިތުރަށް އިންވެސްޓް ކުރަން. އިރާދުކުރެއްވިއްޔާ އަންނަ އަހަރު އެ މަސައްކަތް ފެށޭނެ. އެކަމަށް މި މަސައްކަތް ކުރަނީ،" ވަހީދު ވިދާޅުވި އެވެ.
ވަހީދުގެ މި ވިޔަފާރި ހަލުވި ދުވެލީގައި ދާއިރު ކުންފުންޏަށް ދަނީ އެކި ވަނަތައް ވެސް ލިބެމުންނެވެ. މިގޮތުން ލިބިފައިވާ ވަނަތަކުގެ ތެރޭގައި "ގޯލްޑް 100" ގައި ހިމެނުނެވެ. އަދި މި އަހަރު ދިނަޝަ ސަފާރީއަށް ވަނީ ބެސްޓް ފިޝިން ސަފާރީ އާއި ބެސްޓް ކެޕްޓަން ވަނަ ލިބިފަ އެވެ.
ކަންބޮޑުވުން ތަކެއް
ސަފާރީ ދާއިރާގެ އެންމެ މުހިންމު އެއް ހިދުމަތްތެރިޔާ ގަބޫލު ކުރައްވާ ގޮތުގައި، މި ދާއިރާގައި ގިނަ ގޮންޖެހުން ތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ސަފާރީ އަށް ރަނގަޅު ބަނދަރެއް ނެތުމެވެ. އަނެއް ގޮންޖެހުމަކީ ވަޒީފާތަކަށް މީހުން ނުލިބުމެވެ. ހާއްސަކޮށް ކެޕްޓަނުންނާއި އިންޖީނޭރުން ހޯދުމުގައި ގިނަ ގޮންޖެހުން ތަކެއް ހުރިކަން ވަހީދު ފާހަގަ ކުރެއްވި އެވެ.
ސަފާރީ ބޯޓުތަކުގެ ޖަމިއްޔާ "ލޭމް" އުފެއްދި ދުވަހުން ފެށިގެން ވެސް ވަހީދު ދަނީ އެ ޖަމިއްޔާ ތަމްސީލް ކުރަމުންނެވެ. އަދި އެކި ސަރުކާރުތަކާއެކު އަމާން ބަނދަރެއް ހޯދުމަށް މެދުނުކެނޑި މަަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ލޭމްގެ ޓްރެޒަރާއަކީ ވަހީދުގެ އެއް ދަރިފުޅު، އަހުމަދު އަފްރާހު އެވެ.
"މާކެޓަށް ސަފާރީތައް ދަނީ ނުކުންނަމުން. އެކަމަކު މީހުންނެއް ނުއުފެއްދޭ. މިހާރު މި ތިބެނީ ކުރިން ވީޓީސީ [ވޮކޭޝަނަލް ޓްރޭނިން ސެންޓަރު] ޒަމާނުގެ އިންޖިނޭރުން. އެ ދުވަސްވަރު ކިޔެވި ކުދިން. ޔަންމާ އިންޖީނު ފަދަ ތަކެތީގެ އިންޖީނު މަރާމާތު ކުރަން ދަންނަ މީހުން މަދު. އެހެންވެ އިންޖީނެއް ނޫނީ ޖަނަރޭޓަރެއް ހަލާކު ވިއަސް މި ޖެހެނީ އާދޭސް ކުރަން. މީހުން މަދީ އުފެއްދިފައި ތިބި،" ގާތްގަނޑަކަށް 150 ސަފާރީ ދާއިރާ އަށް އެންމެ ކުރިން ނުކުތް، ވަހީދު ވިދާޅުވި އެވެ.
"އެންމެ ދަތިވަނީ ހަމަ ކައްޕިން [ކެޕްޓަނުން] ނެތުން. މި އަހަރު ވެސް އެ މައްސަލަ ދިމާވޭ. އެހެންވެ އަބަދުވެސް މުސާރަ ދީގެން ރިޒާވްގައި އިތުރު ކެޕްޓަނެއް ބަހައްޓަން ޖެހޭ. އަނެއް މައްސަލައަކީ ބޭންކުން ފައިނޭންސް ހޯދުން. ސަފާރީ ބޯޓު ފަހަރަށް ފައިނޭންސެއް ނުލިބޭ."
ވަހީދު މި ދާއިރާ ދޫކޮށްލުމެއް ނެތެވެ. އޭނާ އަދިވެސް ބޭނުންވަނީ މި ދާއިރާ އިން ހިދުމަތް ކުރާށެވެ.މި ނަން ސަފާރީ ސިނާއަތުން ފޮހެ ނުލެވޭނެ ނަމެކެވެ.