ރިޕޯޓް

އެއްވެސް ބަޔަކު މޮޅެއް ނުވޭ!

ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ އިއްޔެ ކުރި މުޒާހަރާ އަށް ޖަމާވި މީހުންގެ އަދަދު ފެނުމާ އެކު، އެ މުޒާހަރާގެ ލީޑަރުން ވަނީ ނުސީދާ ގޮތެއްގައި ކާމިޔާބީ އިއުލާނުކުރައްވައިފަ އެވެ. އެއީ ފަހުގެ ތާރީހެއްގައި ނުވަތަ ރާއްޖޭގެ ތާރީހުގައި ވެސް އެހާ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ ކުރި މުޒާހަރާ ކަމަށް ވުމުގެ ފުރުސަތު އޮތަތީ އެވެ. އެކަމަކު އެ ބިޔަ ބޮޑު މުޒާހަރާ ތޮޅިއަށް ގޮސް ނިމުނު ގޮތަކީ ސަރުކާރަށް ތާއީދުކުރާ މީހުންގެ ކާމީޔާބީގެ ގޮތުގައި ސިފަކުރެ އެވެ. ފުރަތަމަ ހާފު މަޣްރިބް ނަމާދަށް ނިންމާލީ އިދިކޮޅު މީހުން ކުރީގައި އޮވެގެން ކަމަށް ވިޔަސް ނަމާދަށް ދާނީ އިސްލާމީ މަރުކަޒަށޭ ރައީސް އަބްދުﷲ ޔާމީން މަޝްވަރާ އަށް ވަޑައިގަންނަވަން ޖެހޭނީ އިސްލާމީ މަރުކަޒަށޭ ވިދާޅުވެ މުޒާހަރާގެ ލީޑަރު އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ކުރެއްވި އިއުލާނަށް ފަހު ދެ ވަނަ ހާފު ފެށީ އިދިކޮޅު ޓީމުގެ އެތައް ހާސް ބަޔަކު މަދުކޮށެވެ. އެންމެ "އިތުބާރު" ފޯވާޑުންނާއި ޑިފެންޑަރުން ދެ ވަނަ ހާފަކުން ނުފެނުނެވެ. އެއް ބަޔަކު އިންޖަރީގަ އެވެ. އަނެއް ބަޔަކަށް ވީގޮތެއް ނޭނގެ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ކޮންމެ ކޮޅަކުން ވެސް ދަނީ މުޒާހަރާގައި ކާމިޔާބު ލިބުނު ކަމަށް ބުނަމުންނެވެ. މުޒާހަރާ އަށް ތާއީދުކުރާ މީހުން ބުނަނީ ސަރުކާރު އަނިޔާވެރި ކަމަށް ގަބޫލުކުރާ މީހުންގެ ގިނަކަން ހާމަވެއްޖެ ކަމަށާއި ހަމަ އެއާ އެކު އަނިޔާވެރިކަން ވެސް ފެނިގެން ހިނގައްޖެ ކަމަށެވެ. އެކަމަކު އަނެއްކޮޅުން ބުނަމުން ދަނީ މުޒާހަރާގެ އަމާޒެއް ނެތް ކަަމަށާއި ސަލާމަތީ ބާރުތަކަށް ހަމަލާދީ ބިރުވެރިކަން އުފެއްދުން ނޫން ކަމެއް މުޒާހަރާ އިން ނުފެނުނު ކަމަށެވެ. ފެނުނީ ސަރުކާރުގެ ސާބިތުކަމާއި ބާރުވެރިކަން ކަމަށާއި ބަޔަކު ދައްކާހާ ބިރަކަށް ސަރުކާރު ނުގުޑާނެކަން ހާމަވެގެން ހިނގައްޖެ ކަމަށް ސަރުކާރުގެ ސަޕޯޓަރުން ބުނެ އެވެ.

ސިޔާސީ ފިކުުރު އެއްފަރާތްކޮށް ބަލައިލުމުން މުޒާހަރާގެ ނަތީޖާ ތަފާތެވެ. ހަގީގަތުގައި، މޮޅުވި އަދި ބަލިވި ބަޔަކު ވެސް ނެތެވެ. ފެނިގެން ދިޔައީ ސިޔާސީ މުޑިއެރުމެކެވެ. ސިޔާސީ ޕޯޑިއަމްތަކުން ގަދަވަމުން އައި ހޫނުގަނޑު މާލޭގެ މަގުތަކަށް އެރިތަނެވެ. އާންމުންނާއި ފުުލުހުންގެ ގައިން ލޭ އޮހޮރުނު ތަނެވެ. އިދިކޮޅު ފަރާތަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯނާނެކަން ސަރުކާރުން ދައްކާލީ ކަމަށް ބުނެ އެއީ ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަމަށް ބެލުމުގެ ބަދަލުގައި، އެ ހިސާބަށް ކަންތައް ނުގޮސް އެހެން ހައްލެއް ހޯދިނަމަ ސަރުކާރު ވަރަށް މޮޅޭ ބުނެވިދާނެ އެވެ. އެކަމަކު ސަރުކާރުން ވެސް އެފަދަ މަގެއް ފެނޭތޯ ވެސް ބަލަން ބޭނުން ނުވީ ހަރުކަށިމާއި ބޮޑެތި އިލްޒާމްތަކާ އެކު އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދިމާކޮށްލުމުން ކަމަށް ބަލަންޖެހެ އެވެ. ސަރުކާރަށް ޕްރެޝަރު ކުރުމަކީ އާންމު ރައްޔިތުންނަށް އަނިޔާވާ މަންޒަރުގެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އާންމުކުރުން ކަމަށްވާ ނަމަ އިދިކޮޅު މުޒާހަރާ ވެސް މޮޅެއް ނޫނެވެ. އެހެންވީމާ މުޒާހަރާ ނިމުނު އިރު ހަމަ މި ތިބީ ކުރިން ވެސް ތިބި ތަނުގަ އެވެ. ސަރުކާރުގެ ބަސްމަގު ބަދަލެއް ނުވި އެވެ.

އިދިކޮޅު ފަރާތްތައް ހައްޔަރު ކުރުމަަށް ނިމުމެއް ނައިސް ލިސްޓު ކުރިއަށް ވުރެ ވެސް ދިގުވީ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރެވޭނެ ކަމުގެ އުންމީދެއް ވެސް ނުލިބުނެވެ. އަނިޔާވެރިކަން ނިންމާނެ ކަމަށް ބުނި ނަމަވެސް އެ ސިފަކުރާ އަނިޔާވެރިކަން ނިންމައެއް ވެސް ނުލެވުނެވެ. ލިބުނު މޮޅެއް ކޮބައިހެއްޔެވެ؟ އެކަމަކު އެތައް ބަޔަކަށް ދެރަ ލިބިއްޖެ އެވެ. އަދަބުތަކާއި އަނިޔާތައް ލިބުމެވެ.

އެކަމަކު އިއްޔެ ލިބުނު ފިލާވަޅެއް އެބަ އޮތެވެ. ކޮންމެ ކަމެއްގެ ހައްލަކީ މުޒާހަރާއެއް ނޫންކަމެވެ. ކިތަންމެ ބައިވަރު މީހުން މުޒާހަރާއެއްގައި ބައިވެރި ވިޔަސް އެ ކްރައުޑް ހިފަހައްޓާނެ ރަނގަޅު ޕްލޭނެއް ހަދަން ނޭނގިއްޖެ ނަމަ ވާނީ ފެއިލްކަމެވެ. މުޒާހަރާގެ ސަފުތައް ބައިބައިވެގެން ދިއުމުން އަލުން އެއްކުރުމަށް ގޮވަމުން ދިޔައިރު ވެސް އެކި ފަހަރު އެކިތަނަށް ޖަމާވާން ގޮވަމުން ދިޔަތަން ފެނުމަކީ މީގެ ކުޑަ މިސާލެކެވެ.

މި ހިސާބުން އިދިކޮޅު ފަރާތްތައް ޖެހެނީ އަލުން ރޭވުންތެރިކަމާ އެކު ސަފުތައް ބަދަހިކޮށްގެން ނިކުންނާށެވެ. އެކި ފިކުރުގެ ސިޔާސީ އެކި ފަލްސަފާތަކަށް ތަބާވާ މީހުންނާ އެކު ނިކުންނައިރު ހަރުދަނާވާން ޖެހެ އެވެ. ކޮންމެ ކަމެއްގެ ހައްލަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ފައިބުޑަށް ވެއްޓުން ދޫކޮށްލައި، ކަންކަމުގައި އަމިއްލަ ހައްލު ހޯދޭނެ ފޯމިއުލާއެއް ސިޔާސީ ހުރިހާ ފިކުރެއް އެއްކޮށްލައިގެން ނެރެންޖެހިއްޖެ އެވެ.