ހަބަރު

"ތިޔަ ދެއްވި ރިލޯޑަށް ޝުކުރިއްޔާ" އޭ ބުނި މީހަކު ހަ މަހަށް ޖަލަށް

ރޭގެ މުޒާހަރާގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުގެ ގާޒީއަކު އިތުރުކޮށްދެއްވުމާ އެކު އޭނާ ގާޒީއާ ދިމާލަށް "ތިޔަ ދެއްވި ރިލޯޑަށް ޝުކުރިއްޔާ" އޭ ބުނުމުން ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މި އަދަބު އައީ ފުުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހެއް ކަމަށްވާ ސ.ހިތަދޫ ލިއޯން އަނީލް މުފީދަށް ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ރީއްޗަށް ވާހަކަ ދެއްކުމަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އަނިލް ވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމާ އެކު އެކަމާ ދެކޮޅު ހަދައި އަޑުގަދަކޮށްފައި ކަމަށް ކޯޓުން ބުންޏެވެ. އަދި ތިޔަ ދެއްވި ރިލޯޑަށް ޝުކުރިއްޔާއޭ ބުނީ ޝަރީއަތުގެ މަޖިލީހުން ނިކުންނަމުން ކަމަށް ވެސް ކޯޓުން ބުންޏެވެ.

ސިޔާސީ ކަންކަމާ ގުޅުވައިގެން "ރީލޯޑް" އޭ ކިޔުން މިހާރު އާންމުވެފައި ވަނީ ސިޔާސީ ގޮތުން ނަހަމަ ފައިދާއެއް ހޯދުމަށް މީހަކު ލައްވާ ކަމެއް ކުރުމަށް އެ މީހަކަށް ފައިސާ ދިނުމަށެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އަނިލްގެ މައްޗަށް އަދަބު ކަނޑައެޅީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ.ގެ ދަށުންނެވެ.

ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭ ކަމެއް އެއްވެސް ފަރާތަކުން ޝަރީއަތުގެ މަޖިލީހުގައި ނުވަތަ ކޯޓުގެ އިމާރާތުގެ ތެރޭގައި ނުވަތަ ގޯތިތެރޭގައި ހިންގައިފި ނަމަ އެފަދަ ފަރާތެއްގެ މައްޗަށް ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ. އެ ގަވާއިދު ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކަނޑައިގެން އަދަބު ކަނޑައަޅާނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުންނެވެ.

ރޭގެ މުޒާހަރާގައި 200 ވަރަކަށް މީހުން ހައްޔަރުކޮށްފައި ވާއިރު އެ މީހުން ކޯޓަށް ހާޒިރުކޮށް ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުން މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.