ހަބަރު

ރާއްޖޭގައި ޑިމޮކްރަސީ އޮތީ ނުރައްކަލުގެ ތެރޭގައި: ކެރީ

ރާއްޖޭގައި ޑިމޮކްރަސީގެ އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ މިއަދު ވިދާޅުވެއްޖެ އެވެ.

އަވަށްޓެރި ސްރީ ލަންކާއާ ވަޑައިގެން އުޅުއްވަމުން ކެރީ މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައި ވާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކަމަށް ނިއުސް އެޖެންސީތަކުން ބުނެފައިވެ އެވެ.

"އިޖުރާއަތްތައް ފުރިހަމަ ނުކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލާފައި ވާއިރު، ރާއްޖޭގެ ޑިމޮކްރަސީ ނުރައްކަލުގެ ތެރޭގައި އޮތް ކަމުގެ ނިޝާންތައް އެބަ ފެނޭ،" ކެރީ ވިދާޅުވެފައިވެ އެވެ.

ކެރީ ވިދާޅުވީ ނަޝީދު ޖަލަށްލާފައިވާ މައްސަލަ އަކީ ދިވެހި ސަރުކާރުން ވަރަށް އަވަހަށް ގޮތެއް ނިންމަންޖެހޭ މައްސަލައެއް ކަމަށެވެ.

ކެރީ މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމާއި ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކެރީއާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ނަޝީދުގެ ޖަލަށްލީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އދ. އަށް ހުށަހެޅުމުގެ ކުރިން ނިއު ޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހުގަ އެވެ. ލައިލާ އާއި ވަކީލުން ވަނީ ނަޝީދު މިނިވަންކުރުމުގައި އެމެރިކާގެ އެހީ އަށް ވެސް އެދިފަ އެވެ.