މޯލްޑިވްސް ޕޮލިސް ސާވިސް

އިމާރާތް އަތުލުމުން މަޑަވެލީގައި ފުލުހުންގެ ހިދުމަތް ހުއްޓާލައިފި

Dec 28, 2017
5

ގދ. މަޑަވެލީގައި ފުލުހުންގެ އިދާރާ ހިންގަމުންދިޔަ އިމާރާތް ހުސް ކުރަން އެ ރަށު ކައުންސިލުން އަންގައިފި އެވެ. މަޑަވެލީގައި ފުލުހުންގެ ހިދުމަތް ދެމުން އައީ ކައުންސިލުން ކުއްޔަށް ހިފާފައި ހުންނަ ގެއެއްގަ އެވެ. އެއީ އަމިއްލަ ފަރާތެއްގެ ގެއެކެވެ.

މަޑަވެލި ކައުންސިލްގެ އިދާރާއިން ބުނީ މަޑަވެލީ ޕޮލިސް ޕޯސްޓް ހިންގަމުން އައީ ކައުންސިލުން ކުއްޔަށް ނަގާފައިވާ ތަނެއްގައި ކަމަށާއި އެ ތަން ހުސް ކުރަން އެންގީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ ކަމަށެވެ. ނަމަވެސް ރަށުގައި ފުލުހުންގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ގޮތް ވުމަކީ އަދިވެސް އެދުމެއް ކަމަށެވެ.

ފުލުހުން މިއަދު ބުނީ އަތޮޅުތަކުގެ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ފުޅާކުރަން އަމަލު ކުރަމުންދާ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ފޯރުކޮށް ދޭއިރު އިސްކަން ދެނީ ކައުންސިލްތަކާ ގުޅިގެން "ކޯސްޓް ޝެއަރިން ބޭސިސް" އެއްގައި ހިދުމަތް ދޭން ކަމަށެވެ.

މަޑަވެލީގައި ހިދުމަތް މެދުކަނޑާލަނީ އެ ސިޔާސަތުގެ ދަށުން ފުލުހުންގެ ހިދުމަތް ގާއިމުވެ ތިބުމަށް މަޑަވެލި ކައުންސިލާއި ފުލުހުން ކުރި މަޝްވަރާއިން އެފަދަ އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.