ވިޔަފާރި

ބޮޑު ކާމިޔާބީއެއް: ރާއްޖޭގެ މަގުބޫލުކަން 90 ޕަސެންޓުގައި

  • މަގުބޫލުކަން މަތިވީ ދެ އަހަރު ތެރޭގައި
  • ކާމިޔާބު ހޯދުނީ، ހުރިހާ ފަރާތްތަކެއް ގުޅިގެން
  • މުހިންމު މާކެޓުތަކުން މީހުން އިތުރުވި

މި އަހަރު ނިމުނުއިރު ރާއްޖޭގެ މަގުބޫލުކަން 90 ޕަސެންޓްގައި ހިފެހެއްޓިފައިވާ ކަމަށާ، މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

ޓޫރިޒަމް މާކެޓް ކުރަން މި އަހަރު ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ މުޅި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެން އެމްއެމްޕީއާރްސީއަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މި އަހަރު ރަނގަޅު ކަމަށެވެ. މިގޮތުން ރާއްޖެ، ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް މި އަހަރު ވެސް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖެއަކީ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓް ކުރާއިރު އެންމެ ބޮޑު އެއް ކަމަކީ ރާއްޖެއާ މެދު މީހުން ދެކޭ ގޮތް ތަސައްވަރު ރަނގަޅު ކުރުން. މިއީ ތަފާތު ކަމެއް. ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރުހާ މީހުން ދެކޭ ގޮތް ނުވަތަ ޕަސެޕްޝަން ރަނގަޅު ވެފައިވާ ދުވަސްވަރެއް ތާރީހުގައި ވެސް ނެތް،" ހާރިސް ވިދާޅުވި އެވެ.

ރާއްޖެ ބްރޭންޑެއްގެ ގޮތު ޕްރޮމޯޓް ކުރާއިރު އެންމެ ބޮޑު އެއް ކަމަކީ ރާއްޖެއާމެދު މީހުންދެކޭ ގޮތް ރަނގަޅު ކުރުން. ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރުހާ އެގޮތް ރަނގަޅު ވެފައިވާ ދުވަސްވަރެއް ތާރީހުގައި ވެސް ނެތް،
އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު | ހާރިސް މުހައްމަދު

އޭނާ ވިދާޅުވީ ރާއްޖެއާ މެދު މީހުން ދެކޭ ގޮތް ރަނގަޅު ކުރުމަށް މަސައްކަތް ކުރީ ގިނަ ގޮންޖެހުންތަކާވެސް އެކުގައި ކަމަށެވެ.

"އެނގިވަޑައި ގަންނަވާނެ ފަދައިން ރާއްޖެއަކީ އެހެން ގައުމުތަކާ ހިލާފަށް، ދިވެހިން، ދިވެހިރާއްޖެ ބަދުނާމުވެސް ކޮށް ރާއްޖެއަށް މީހުން ނައުމަށް ކެމްޕޭންތަކެއް ކުރެވި، މަސައްކަތްތަކެއް ކުރެވި އެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑެތި ޑެމޭޖުތައް ދޭ ގައުމެއް. އެހެންވެ ކޮންމެ ޑެމޭޖަކުން ވެސް އަޅުގަނޑުމެންގެ އިތުރު ރިސޯސްތައް ބޭނުން ކޮށްގެން އެ ކަންކަން ބެލެންސް ކުރުމަށް މަސައްކަތް ކުރެވޭ،" ހާރިސް ވިދާޅުވި އެވެ.

އިތުރަށް، ހާރިސް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރުމުގައި ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ވަށައިޖެހިގެންވާ ސިޔާސަތުގެ ސަބަބުން ބޮޑެތި ކުރި އެރުންތަކެއް ވެސް ހޯދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަނީ ހުރިހާ ފަރާތްތައް ގުޅިގެން. މި މަސައްކަތް ކުރަނީ ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއާ، އަދި ރާއްޖެ ތަމްސީލް ކުރަން ބޭރުގެ 15 ގައުމެއްގައި ހެދިފައި ހުންނަ ފޮރިން އޮފީސްތަކާއި އެމްބެސެޑަރުންނާއި އެމްބަސީތަކުގެ ބޭފުޅުން ގުޅިގެން. މީގެ އިތުރުން ހަތަރު ޑިޕްލޮމެޓިކް ޕީއާރު ގުޅިގެން މަސައްކަތް މިކުރަނީ. އެހެންވެ 90 ޕަސެންޓުގައި ހިފެހެއްޓިފައިވަނީ،" ހާރިސް ވިދާޅުވި އެވެ.

މަސައްކަތް ކުރަނީ ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއާ، އަދި ރާއްޖެ ތަމްސީލް ކުރަން ބޭރުގެ 15 ގައުމެއްގައި ހެދިފައި ހުންނަ ފޮރިން އޮފީސްތަކާއި އެމްބެސެޑަރުންނާއި އެމްބަސީތަކުގެ ބޭފުޅުން ގުޅިގެން
ހާރިސް

މި މަސައްކަތުގެ ނަތީޖާ ތަފާސް ހިސާބުތަކުން ވެސް ދަނީ ފެންނަމުންނެވެ. މި އަހަރުގެ ނިޔަލަށް 1.3 މިލިއަން މީހުން ވަނީ އައިސްފަ އެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ހަބަރުތައް އެންމެ ގިނައިން ބަލާ، އެއް ގައުމުކަމަށްވާ އެމެރިކާ ފަދަ ގައުމުތަކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެމެރިކާ އިން މިހާތަނަށް 34,411 މީހުން އައިސްފައިވެ އެވެ. އަދި މި އަދަދަކީ މިދިޔަ އަހަރު އައި 28,651 މީހުންނާ އަޅާ ބަލާއިރު 20.1 ޕަސެންޓް އިތުރުވުމެކެވެ. އަދި މިދިޔަ މަހު އެކަނިވެސް 3,961 މީހުން އައިސްފައިވެ އެވެ. އަދި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައި 2,921 މީހުންނާ އަޅާބަލާއިރު 35.6 ޕަސެންޓް އިތުރުވުމެކެވެ.