ޖުމްހޫރީ ޕާޓީ

ގާސިމްގެ ވަކީލް ނޫރުއްސަލާމް ޖޭޕީއާ ގުޅިއްޖެ

ތިން ވަކީލަކު މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ. މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ވަކީލުންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުރީގެ ޕީޖީގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރެވެ.

ނޫރުއްސަލާމް މިއަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތްއިރު ކުރިމިނަލް ކޯޓުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދިފާއުގައި ނޫރުއްސަލާމް ވަކާލާތު ކުރައްވާފައިވެ އެވެ. ނޫރުއްސަލާމް މިހާރު ވެސް ގެންދަވަނީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވަމުންނެވެ.

ދެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، ވަލީދު އިބްރާހިމް މަނިކާއި އަލީ އަބްދުލް ލަތީފެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު ނޫރުއްސަލާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އިސްލާހީ މަސައްކަތުގައި ޒުވާނުންނަށް ބޭނުންވާ ކަންކަން ހާސިލުކުރުމުގެ މަގުސަދުގަ ކަމަށެވެ. ސިޔާސީ ގޮތުން އެންމެ ޑިމޮކްރަޓިކް ވެއްޓެއް އޮތީ ޖުމްހޫރީ ޕާޓީގަ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ. އަދި މި އަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލިޝަން ކާމިޔާބު ކުރާނެ ކަމަށާއި އެހެންވެ، ތައުލީމީ ވީހާވެސް ގިނަ ޒުވާނުން އެ ޕާޓީއާ ގުޅުމަކީ އޭނާ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ތިން ވަކީލުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ބޭއްވި ހަފުލާގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒު އަބްދުﷲ ވިދާޅުވީ، ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ޕާޓީގައި ފުރުސަތު އެބަ އޮތް ކަމަށެވެ. އެއީ ރައީސް ކަމަށް ނުވަތަ މަޖިލީހުގެ މެންބަރު ކަމަށް ވަޑައިގަންނަން ޝައުގުވެރިވާނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އަދި މިއަދު ތިން ވަކީލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ޕާޓީ އިތުރަށް ވަރުގަދަވެ، އެހެން ބޭފުޅުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ލިބޭ ހިތްވަރެއް ކަމަށެވެ. މި ޖެނުއަރީ މަހުގެ ތެރޭގައި ވެސް އިތުރު ސިޔާސީ ބޭފުޅުން ވެސް އެ ޕާޓީއަށް ގުޅިވަޑައިގަންނަވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއަކީ އެއްވަނަ ޕާޓީއަށް ހެދުމަށް މީގެ ދުވަސްކޮޅެއް ކުރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެ ޕާޓީއަށް ގުޅިވަޑައިގެންފަ އެވެ. އުމަރު ވެސް ވަނީ އެ ޕާޓީއަށް މެންބަރުން އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.