ހަބަރު

ހާލު ގޯސްވެ، އަދީބުގެ ބޯ ބާލައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލު ދެރަވެ، އުނދަގޫވާތީ އޭނާގެ ބޯ ބާލައިފި އެވެ.

އަދީބުގެ ވަކީލު މޫސާ ސިރާޖު ވިދާޅުވީ، ސިއްހީ މައްސަލަތަކެއް އުޅޭތީ، މި ހަފުތާ ތެރޭގައި އަދީބުގެ ބޯ ބާލާފައިވާ ކަމަށެވެ. ސިއްހީ މައްސަލަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބަށް ގުލައުކޯމާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.

އަދީބަށް ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.