ރާއްޖޭގެ ޑިމޮކްރަސީ އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެފައި ވަނީ ވަރަށް ހިތާމަޔާ އެކުގަ އެވެ. އެންމެ ދުވަސްވީ ޑިމޮކްރަސީގެ ގޮތުގައި ބަލަމުން އަންނަ އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓް މިހެން ވިދާޅުވުމަކީ ކުޑަ ކަމެއް ނޫނެވެ. އެކަމަކު އެއާ އެކު އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މުސްލިމުންނަށް އަމާޒުކުރައްވައި ދެއްވި މަޝްހޫރު "ކައިރޯ ސްޕީޗް" ގައި ޑިމޮކްރަސީއާ ބެހޭ ގޮތުން ވިދާޅުވި ވާހަކަ ވެސް ހަނދާނަން ގެންނަން ޖެހެ އެވެ.
"ކޮންމެ ގައުމަކުން ވެސް ރައްޔިތުންގެ އިހްސާސްތަކަށް ކަމޭހިތުމުގެ މައިގަނޑު ވިސްނުމަށް ދިރުން ދޭނީ އެ ގައުމެއްގެ ރައްޔިތުންނާއި އާދަކާދަ އާއި ސަގާފަތުގައި ހަރުލާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އަމިއްލަ ސިފައެއްގައި،" އޮބާމާ ވިދާޅުވެފައިވެ އެވެ.
މިސްރުގެ ވެރިކަށް ގާހިރާގައި ޖޫން 7، 2009 ގައި ދެއްވި މި ތަގުރީރުގައި އޮބާމާ ވިދާޅުވީ ކޮންމެ ގައުމަކަށް އެންމެ ރަނގަޅު ގޮތް އެނގޭނީ އެމެރިކާ އަށް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ރައްޔިތުން އެދޭ ގޮތަށް ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމާއި އިންސާނީ ހައްގުތައް ލިބިދިނުމާއި އަދުލު އިންސާފު ގާއިމުވެފައި އޮތުމަކީ އެމެރިކާ އިން އެކަނި ވަކާލާތުކުރާ ކަންކަން ނޫން ކަމަށާއި އެއީ ކޮންމެ އިންސާނަކު ވެސް އެދޭ ކަންކަން ކަމުގައި އޮބާމާ ވިދާޅުވި އެވެ.
"ވެރިކަމުގެ އެއްވެސް ނިޒާމެއް އެއް ގައުމަކުން އަނެއް ގައުމެއްގެ މައްޗަށް ގަދަކަމުން ތަންފީޒެއް ނުކުރެވޭނެ އަދި ކޮށްގެން ވެސް ނުވާނެ" ކަމަށް އޮބާމާ ވިދާޅުވި އެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ އިރާގަށް ޑިމޮކްރަސީ ގެންނަން ކުރި މަސައްކަތާ ގުޅިގެން، ޑިމޮކްރަސީ ޕްރޮމޯޓް ކުރުމަށް ހުޅަނގުން ގެންގުޅޭ ވިސްނުމަށް އަމާޒުވެފައި އޮތް ފާޑުކިޔުންތަކަށް އިޝާރާތްކުރައްވަމުންނެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ލީޑަރު ޑިމޮކްރަސީއާ ބެހޭ ގޮތުން މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އެމެރިކާ އަދި ހުޅަނގުގެ ސިޔާސަތު އޮތީ ދިމާ އިދިކޮޅަށެވެ. ކުރުކޮށް ބުނާ ނަމަ އެ މީހުންގެ ރުހުން އޮތް މީހަކު އެތައް ހާސް ބަޔަކު މަރާފައި ގައުމެއްގެ ވެރިކަމަށް އަޔަސް އެ ގައުމަކަށް ޑިމޮކްރަސީ އަކީ މުހިންމު އެއްޗަކަށް ނުވެ އެވެ. މިސްރަކީ އެންމެ ދިރިހުރި މިސާލެވެ. ދީނީ ޕާޓީއެއްގެ ލީޑަރަކު އެ ބުނާ ޑިމޮކްރަޓިކް ނިޒާމްގެ ތެރެއިން ވެރިކަމަށް ވަޑައިގަތީ 30 އަހަރުގެ ވެރިކަމެއް މަގުމަތިން ނިމުމަކަށް ގެނައުމަށް ފަހުގަ އެވެ. އެކަމަކު ހުސްނީ މުބާރަކަށް 30 އަހަރު ވެރިކަމުގައި ހުރެވުނީ ވެސް އެމެރިކާގެ މަދަދު އޮތީމަ އެވެ. އޭގެ ފަހުން ވޯޓުން ހޮވުނު މުހައްމަދު މުރްސީގެ ވެރިކަމަށް އަހަރު ދުވަސް ވީތަނާ އަސްކަރިއްޔާ އިން ވައްޓާލީ ވެސް އެމެރިކާގެ މަދަދު ކަށަވަރުވާތީ އެވެ. އަސްކަރީ ލީޑަރު އަބްދުލް ފައްތާހް އައް ސީސީ މިހާރު ވެރިކަމުގައި އެ ހުންނެވީ މުރްސީގެ ވެރިކަން ވައްޓާލުމުން އެކަމާ ދެކޮޅަށް މުޒާހަރާކުރި އެތައް ހާސް ބައެއްގެ ފުރާނަ ދުއްވާލުމަށް ފަހުގަ އެވެ. އެކަމަކު އެއިން ކަމެއް ތަހުގީގުކުރުމަކަށް އަދި އެހެން ކަމަކަށް ވެސް ޑިމާންޑް ކުރުމެއް ނެތި އެމެރިކާ އިން ކޮންމެ އަހަރަކު ދޭ ބިލިއަން ޑޮލަރު އެހީ މިސްރަށް އެ ދަނީ ލިބެމުންނެވެ. ބަރާބަރު ލީޑަރެކެވެ؛ އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތަށް މެދުއިރުމަތީގައި މަސައްކަތްކުރާތީ އެވެ.
މި ކަންކަމަކީ އަހަރެމެންނަށް ސާފުކޮށް އެނގެން ހުރި ކަންކަމަށް ވިޔަސް އަހަރެމެންނަށް ވެސް ހުޅަނގުގެ ޑިމޮކްރަސީ އަށް ވުރެ ކަމުދާ ވެރިކަމުގެ ނިޒާމެއް އޮތް ކަމަށް ގަބޫލުކުރަން ވަރަށް ދަތިވެ އެވެ. އެއީ ރައްޔިތުން ހިންގާ ވެރިކަމެއް ކަމަށާއި ކޮރަޕްޝަން މަދުވާނެ ކަމަށާއި ޒިންމާދާރުކުރެވޭނެ ކަމަށް ގަބޫލުކުރަމެވެ. އަދި ވެރިކަމުގެ ތިން ބާރު ވަކިވެފައި އޮތުމުން އެއްވެސް ބާރަކުން ނަހަމަ ފައިދާ ނުނެގޭނެ ކަމަށް ވެސް ދެކެމެވެ. އެކަމަކު ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ޑިމޮކްރަސީގެ އުސޫލަކީ ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ ތިޔަރީއެއްގެ ގޮތުގަ އެވެ. ޑިމޮކްރަސީއެކޭ ރަސްކަމެކޭ އެހެން ނިޒާމެކޭ ތަފާތެއް ނުވެ އެވެ. އިސްތިސްނާ ވަނީ އިހްލާސްތެރި ވެރިން ތިބި ގައުމުތައް އެކަންޏެވެ. ތަރައްގީގެ އަސްލަކީ ޑިމޮކްރަސީ ނޫންކަން ވެސް ސާފުކޮށް ފެންނަން އެ ހުރީ އެވެ.
ހަގީގަތަކީ މިއީ ކަމަށް ވިޔަސް ޑިމޮކްރަސީ އަކީ ވެރިކަން ހޯދަން އުޅޭ މީހުންގެ އެންމެ ބާރުގަދަ ހަތިޔާރަށް މިހާރު މި ވަނީ ވެފަ އެވެ. ޑިމޮކްރަސީއަށްޓަކައި ކޮންމެ ކަމެއް ވެސް ކުރަންވީ އެވެ. ނުވަތަ ޑިމޮކްރަސީގެ ނަމުގައި ނިކުންނަ ކޮންމެ މީހަކަށް އެހީވާނެ ނުފޫޒު ގަދަ ގައުމުތަކެއް އެބަތިއްބެވެ. އެހެންވެ ސިޔާސީ ގޮތުން ބާރުވެރިވެ ދުނިޔޭގެ މަޝްހޫރުކަމަށް އެދޭ މީހާ ޑިމޮކްރަސީގެ ތާކިހާ އަޅައިގެން ނިކުންނަންވީ އެވެ.
ޑިމޮޮކްރަސީ އަކީ ގޯސް ނިޒާމެއް ނޫނެވެ. އެކަމަކު ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ ވިދާޅުވި ފަދައިން ޑިމޮކްރަސީ އަށް ވުރެ ކުރިން ރައްޔިތުންނަކީ އަހުލާގު ހުރި ހޭލުންތެރި ބަޔަކަށް ހެދުން މާ މުހިންމެވެ. އެހެން ނޫން ނަމަ ވެރިކަމަށް އަންނާނީ އުޅުމެއް އަހުލާގެއް ނެތް މީހުންނެވެ.