ހަބަރު

އަދީބު ހުށަހެޅި މައްސަލަ ބާތިލުކޮށްދޭން އެދިއްޖެ

ބޭސް ފަރުވާ ނުލިބިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލަ ބާތިލުކޮށްދިނުމަށް މިއަދު ދައުލަތުން ކޯޓުގައި އެދިއްޖެ އެވެ.

ޑިސްޕިއުޓް މަރުހަލާގައި މައްސަލަ ހައްލުނުވުމުން ޝަރީއަތަށް ފޮނުވާފައިވާއިރު މައްސަލާގެ ލިޔެކިޔުންތައް ބަދަލުކުރުމަށް މިއަދު އަޑިއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ. އަދީބުގެ ދައުވާއަށް ޖަވާބުދާރީނުވެ، ދައުލަތުން އެދުނީ އެ މައްސަލައަކީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.

އެކަމާ ގުޅިގެން ޖަވާބުދާރީވުމަށް އަދީބަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދުގެ އަޑުއެހުން ނިންމާލައި އެހެން އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

މިއަދު އަދީބު މާލެ ގެންނެވިއިރު އެމަނިކުފާނުގެ ބޯ ހުރީ ވަރަށް ތުނިކޮށް ކޮށާފަ އެވެ. މީގެކުރިން ދިގު އިސްތަށިގަނޑެއް އޮތް އަދީބު ބޯ ބާލާފައިވަނީ ސިއްހީ ހާލު ގޯސްވެ، އުނދަގޫތަކެއް ވާތީ ކަމަށް އޭނާގެ ވަކީލް މޫސާ ސިރާޖު ވިދާޅުވެފައިވެ އެވެ.

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބަށް ލޮލުގެ ބައްޔެއް ކަމަށްވާ ގުލައުކޯމާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެއިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފަ އެވެ.

އަދީބުގެ ވަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކޯޓަށް ހުށަހެޅި މައްސަލާގައި އަދީބަށް ރާއްޖެއިން ކުރެވެން ނެތް ފަރުވާތަކަށް ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް ވަނީ އެދިފަ އެވެ.

އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.