އަބްދުﷲ ޒިޔަތު

ހިޔާނާތުގެ ތުހުމަތު ޒިޔަތަށް ނުކުރާ ކަމަށް ބުނެ ބަހުސެއް

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް މިހާރު ކުރިއަށްދާ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކުގެ ތަހުގީގުގައި އޭނާއަށް ހިޔާނާތްވުމުގެ ކުށުގެ ތުހުމަތު ކޮށްފައިނުވާ ކަމަށް ވިދާޅުވެ، ދައުވާތައް ބާތިލު ކޮށްދިނުމަށް އޭނާގެ ފަރާތުން މިއަދު ކުރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 30 ދައުވާގެ ތެރެއިން މިއަދު ވަނީ 15 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ. އަޑު އެހުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ބޭއްވި އަޑު އެހުމެކެވެ. ފަނަރަ ދައުވާއަށް ވެސް ހުށަހަޅާފައިވަނީ އެއް ހުށަހެޅުންތަކެކެވެ.

އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ ދެ ހުށަހެޅުމެކެވެ. އެއީ، މައްސަލާގައި ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމަށް އަމުރެއް ނެރެދިނުމަށާއި، މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކި ބަސް ސިއްރު ނެގޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުން މިފަދަ ހުށަހެޅުންތައް ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ލާޒިމް ކުރެ އެވެ.

ޒިޔަތުގެ ފަރާތުން ވެސް ހުރިހާ ދައުވާއަކަށް ހުށަހެޅީ ދެ ހުށަހެޅުމެކެވެ. ފުރަތަމަ ހުށަހެޅުމަކީ، ތަހުގީގުގައި ޒިޔަތުގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވި ގޮތުގައި، 23 އޮކްޓޯބަރު 2015 ގައި ޒިޔަތު ހައްޔަރުކޮށް ދިން ލިޔުމުގައި އޭނާގެ މައްޗަށް ހިޔާނާތުގެ ކުށުގެ ތުހުމަތު ކޮށްފައެއް ނުވެ އެވެ. ކޮށްފައިވަނީ ސައްހަ ލިޔުމަކަށް ބަދަލު ގެނައުމާއި މަކަރުން ކަމެއް ކުރުންފަދަ ތުހުމަތުތައް ކަމަށެވެ. އަދި، ތަހުގީގުގައި ސުވާލުކުރިއިރު ވެސް ހިޔާނާތުގެ ތުހުމަތުކޮށްފައިނުވާ ކަމަށެވެ. އަދި ހިޔާނާތު ކުށުގެ އިންޒާރު ވެސް ޒިޔަތަށް ދީފައިނުވާ ކަމަށެވެ. އެހެންވެ، މިހާރު ކޮށްފައިވާ ހިޔާނާތުގެ ދައުވާތަކަކީ ބާތިލު އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދައުވާތަކެއްކަން ފާހަގަކޮށް މައްސަލަ ބާތިލުކޮށްދޭން އޭނާ އެދުނެވެ.

ވަކީލް ޔާމީނަށް ރައްދު ދެއްވަމުން ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ، 16 ނޮވެމްބަރު 2015 ވަނަ ދުވަހު، ޒިޔަތުގެ ވީޑިއޯ ރިކޯޑިން ބަޔާނެއް ނަގާފައިވާ ކަމަށާއި އެ ރެކޯޑިން ބެލުމުން ސުވާލުކުރަން ފެށުމުގެ ކުރިން އޭނާގެ މައްޗަށް ތުހުމަތުކުރަނީ "އެމްއެމްޕީއާރްސީއިން ރަށްތަކަކާއި ފަޅުތަކެއް ދޫކުރުމުގައި ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ" ކަމަށް ބުނެފައިވާކަން އެނގޭ ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ވަކީލް ޔާމީން ވިދާޅުވީ، އެ ބަޔާނަކީ ވަކި މައްސަލައަކަށް ނެގި ބަޔާނެއް ކަމަށާއި އެ ބަޔާނުގައި ސުވާލުކޮށްފައިވަނީ ވެސް އެބޯނީ ފަޅާ ގުޅޭ ގޮތުން ކަމަށެވެ. އެ މައްސަލާގައި ޒިޔަތުގެ މައްޗަށް ޝަރީއަތް ހިންގައި ވަނީ ހުކުމް ކޮށްފަ އެވެ. އަދި، އެ ބަޔާނުގެ އިތުރުން ވެސް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަތަރު ބަޔާނެއް ނަގާފަ ކަމަށެވެ. އެ ބަޔާންތައް ވެސް ޝަރީއަތުގައި ޔާމީން ދެއްކެވި އެވެ.

އެ ހަތަރު ބަޔާން ނެގުމުގެ ކުރިން ހިޔާނާތުގެ ތުހުމަތު ކޮށްފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ. މިހާރު ދައުވާކުރާ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައިވަނީ އެ ބަޔާންތަކުގަ ކަމަށާއި އެހެންވެ، މައްސަލަތަކާ ގުޅޭ ބަޔާންތަކަކީ އެއީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ފަނަރަ ނޮވެމްބަރުގައި ނެގި ބަޔާނަކީ މިހާރު ކުރާ ދައުވާތަކާ ގުޅުންހުރި ބަޔާނެއް ނޫން ކަމަށެވެ.

ޕީޖީގެ ވަކީލް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ފަށައި، ސުވާލުކުރަން ފެށީ، 15 ނޮވެމްބަރުގަ ކަމަށާއި ތަހުގީގުގައި ސުވާލުކުރަން ފެށުމުގެ ކުރިން ޖުމްލަ ގޮތެއްގައި ކުރެވޭ ތުހުމަތު ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ، ޒިޔަތަށް ތުހުމަތު ބުނެ ނުދީ، އޭނާގެ ހައްގުތައް ރައްކާތެރިނުކޮށްދީފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޒިޔަތުގެ ފަރާތުން ދެން ހުށަހެޅި ހުށަހެޅުމަކީ މައްސަލާގެ ލިޔެކިޔުންތައް ހަވާލުކުރިތާ މިހާރު 70 ދުވަސްވެފައިވާއިރު މައްސަލާގައި މިހާތަނަށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިފައިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ލިބޭ މީހާއަށް ލިޔެކިޔުންތައް ހަވާލުކުރާ ތާރިހުން ފެށިގެން 70 ދުވަހުގެ ކުރިން ޝަރީއަތް ފަށަން ޖެހޭނެ އެވެ. އެއަށް ރައްދު ދެއްވަމުން ޕީޖީގެ ވަކީލް ވިދާޅުވީ، ޒިޔަތު ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ މާކުރިން ކަމަށެވެ. އަދި، ފުލުހުންގެ ތަހުގީގު ބަންދުން ވެސް އޭނާ 17 ޖުލައި 2016 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. އެހެންވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އެ މުއްދަތު އޭނާއަށް ހިނގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޒިޔަތު މިހާރު ހުންނެވީ ކުރިމިނަލް ކޯޓުގެ ހުކުމެއް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުންގެ ތަހުގީގު ބަންދުން ދޫކޮށްލިކަން ޒިޔަތަށް އަންގާފައިނުވާ ކަމަށް ވިދާޅުވެ ވެސް ޒިޔަތުގެ ވަކީލް ނުކުތާއެއް ނެންގެވި އެވެ. އެއާއެކު ޕީޖީގެ ވަކީލް ވިދާޅުވީ، ފުލުހުންގެ ތަހުގީގު ބަންދުން ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނާ ހަވާލުކޮށް އޮޓޯ ޖެނަރޭޓް ލިޔުމެއް ނެރޭ ކަމަށާއި އެ ލިޔުން މައްސަލާގައި ޝަރީއަތަށް ހުށަހެޅި ކަމަށެވެ. އެ ލިޔުމަކީ ހުކުމް ތަންފީޒުކުރާ މީހާއަށް އާންމުކޮށް ދޫކުރާ ލިޔުމެއް ނޫން ކަމަށެވެ.

ދެ ފަރާތުން ހުށަހެޅި ކަންކަމާ ދެއްކި ވާހަތަކާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ނިންމުމަށް މި މަހުގެ 15 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ އެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ 30 ދައުވާގެ ތެރެއިން ބާކީ 15 ދައުވާގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ވަނީ ތާވަލުކޮށްފަ އެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 30 ދައުވާގައި ހިމެނޭ ފައިސާގެ އަދަދު 721 މިލިއަން ރުފިޔާއަށް އަރަ އެވެ.