ހުޅުމާލެ

ހުޅުމާލޭގެ އާ މަގުތަކުގެ ބައެއްގައި ތާރު އަޅައި ނިންމާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ 14.2 ކިލޯ މީޓަރުގެ މަގުތަކުގެ ބައެއްގައި ތާރު އަޅައި ނިންމާލައިފި އެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

އެޗްޑީސީ އިން މިއަދު ބުނީ، ދެވަނަ ފިޔަވަހީގައި ހަދާ މަގުތަކުގެ ތެރޭން ޒޯން ދޭއްގެ މަގުތަކުގެ ތާރު އެޅުމާއި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިގެން މިހާޜު ކުރިއަށްދާ ކަމަށެވެ.

"ތާރު އެޅުމުގެ މަސައްކަތް ނިމޭއިރު މަގުތައް އަލި ކުރުމަށްޓަކައި ބައްތި ހަރުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ކަރަންޓު ކޭބަލާއި ޓެލެފޯން ބޮކްސް ވެސް ބަހައްޓާނެ. އެހެންވީމަ މި ބަލަނީ މަގުތައް ވަރަށް އަވަހަށް މުޅިން ނިންމައިލެވޭނެ ކަމަށް،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން މީގެ ކުރިން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރަނީ ފުރަތަމަ ފިޔަވައްސާ މުޅިން ތަފާތުކޮށް ކަމަށެވެ. އެގޮތުން ތާރު އަޅާ ނިމޭއިރު ހުޅުމާލެއަށް "ޓޯޓަލް އިންފްރާސްޓްރަކްޗާ ސޮލިއުޝަނެއް" އަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އާ މަގުތައް ފެނިގެންދާނީ މުޅިން ތަފާތު ޑިޒައިނަކަށް ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

އާ މަގުތައް ނިމޭއިރު ހުޅުމާލޭގައި އާ އިންޓަނެޓުގެ ހިދުމަތް ވެސް ގާއިމުވާނެ އެވެ. އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް އާއި އަޝޯކާ ބިލްޑްކޮންއިން ހަދާ އެ މަގުތަކުގެ ހަރަދަކީ 40.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 620 މިލިއަން ރުފިޔާ) އެވެ.