އެމްއޭސީއެލް

ރެކޯޑް އަަދަދަކަށް ވީއައިއޭގައި ފްލައިޓް ޖައްސައިފި

  • މިދިޔަ އަހަރު އުޅެނީ 540 ގައި
  • މި އަހަރު ވަނީ 644 އަށް އިތުރުވެފައި
  • އިންޓަނޭޝަނަލް މޫވްމަންޓް އިތުރުވި

ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފްލައިޓް މޫވްމެންޓް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފު މިއަދު ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހަކީ މިހާތަނަށް ރެކޯޑް އަދަދަކަށް ފްލައިޓް މޫވްމަންޓް އިތުރުވި ދުވަހެއް ކަމަށެވެ. އެ ދުވަހު 644 މޫވްމެންޓް ވީއައިއޭގައި ހިނގާފައިވާއިރު މިދިޔަ އަހަރު ފްލައިޓްގެ ހަރަކާތެރިކަން އުޅެނީ 560 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ޖެނުއަރީ ދެވަނަ ދުވަހު އޮތީ 567 އެއާޕޯޓް މޫވްމަންޓް. މިއީ 77 އެއާކްރާފްޓްގެ އިތުރުވުމެއް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް 108 ފްލައިޓާއި ޑޮމެސްޓިކް 94 އަދި ސީޕްލޭންގެ 542 މޫވްމެންޓް ކަމަށެވެ.

ވީއައިއޭއަށް ފްލައިޓްތައް އިތުރުވިއިރު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ރާއްޖެއަށް މުޅިން އަލަށް ދެ އެއާލައިނެއްގެ ދަތުރުތައް ވެސް ފަށާފަ އެވެ. މިދިޔަ އަހަރު ފަށާފައިވަނީ އިޓަލީގެ އަލިތާލިއާ އާއި ފްރާންސުގެ، އެއާފްރާންސެވެ. އަދި މި އަހަރު އިންޑިޔާގެ ގޯ އެއާގެ ދަތުރުތައް ފަށަން ވެސް ދަނީ ތައްޔާރު ވަމުންނެވެ. އާ އަހަރު ފާހަގަ ކުރުމަށް ރާއްޖެ އައި މަހުޖަނުންގެ 140 ޕްރައިވެޓް ޖެޓް ވެސް ވީއައިއޭގައި ޕާކްކޮށްފައި ވެއެވެ.

ފްލައިޓްތައް އިތުރުވެގެން ގޮސްފައި މިވަނީ ޓޫރިޒަމް ރަނގަޅުވުމުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް 1.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 1.2 މިލިއަން މީހުންނާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެކެވެ.