ޖުމްހޫރީ ޕާޓީއަކީ މިހާރު ލީޑަރެއް ނެތް ޕާޓީއެއް ކަމަށް ޕީޕީއެމްގެ ޕީޖީގެ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. އެ ޕާޓީގެ ލީޑަރަކު ދެއްކުމަށް ވެސް ނިހާން ގޮވާލެއްވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފޮޓޯއެއް ޓްވީޓް ކުރައްވާ ނިހާން މިއަދު ވިދާޅުވީ، ގާސިމަށް ކޯޓުން ކޮށްފައިވާ ހުކުމާއެކު މިހާރު ޖޭޕީގަ ގާނޫނީ ގޮތުން ހަރަކާތްތެރިވާނެ ލީޑަރެއް ނުހުންނާނެ ކަމަށެވެ. އަލުން ލީޑަރެއް ޖޭޕީ ކައުންސިލުން ނުވަތަ ކޮންގްރެސްއަކުން ނަމަވެސް ހޮވަން ޖެހޭނެ ކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން 2015 އަހަރުގެ ތެރޭގައި ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީގެ ލީޑާޝިޕްގައި ހަރަކާތްތެރިއެއް ނުވެވޭނެ އެވެ.
އެގޮތުގެ މަތިން ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށާއި އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ ރައީސް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިލެކްޝަން ކޮމިޝަނުން މީގެކުރިން ބުނެފައިވެ އެވެ.
ނިހާން އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއަކަށް ރައީސް ނަޝީދު ނޫން ބޭފުޅަކު ނުވާނެ ކަމަށެވެ. އެމްޑީޕީ އޮތީ އެވޭލާ ޒަމާނުގަ ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށްފަހު ރައީސް އަބްދުﷲ ޔާމީން ހޮވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގައި ލީޑަރެއް ނެތް ކަމަށް ނިހާން ވިދާޅުވިއިރު، އެ ޕާޓީގެ ލޯގޯ އާއި ދިދަ ބަދަލުކުރަން ވެސް ވަނީ އިލެކްޝަން ކޮމިޝަނުން އަންގާފަ އެވެ.