ޣައްސާން މައުމޫން

މަޖުބޫރު ކަމެއް ނެތް، މިހުރީ ރައީސް ޔާމީނާއެކު ސާބިތުވެ: ޣައްސާން

ސިޔާސީ ގޮތުން އަބަދުވެސް ހުންނަވާނީ ބޮޑުބޭބެފުޅު، އަދި ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވިއިރު، ރައީސް މައުމޫން މަސައްކަތްޕުޅު ކުރައްވަނީ ސަރުކާރާ ދެކޮޅަށެވެ.

ޣައްސާންގެ ބޭބޭފުޅު، އަހުމަދު ފާރިސް މައުމޫން ވެސް ސިޔާސީ އިދިކޮޅު މަސައްކަތުގައި އުޅުއްވަނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. ޕީއެސްއެމްގެ "އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، ބައްޕާފުޅު، މައުމޫންގެ އާއިލާގައި އޮތް ގާތް ގުޅުމަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ބައްޕާފުޅާއި މަންމާފުޅު އަދި އެއްބަނޑު އެއްބަފާ ބޭބެ އާއި ދައްތަމެންނާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެ ލޯތްބަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން ވިދާޅުވީ، އެ ބޭފުޅުން ތަރުބިއްޔަތު ކޮށްފައިވަނީ އަބަދުވެސް އަމިއްލައަށް ކަންކަން ދިރާސާކޮށް، އަމިއްލައަށް ކަންކަން ނިންމާ ގޮތަށް ކަމަށެވެ. އެގޮތުން ސިޔާސީ ގޮތުން އޭނާ، ރައީސް ޔާމީނާއެކު ހުންނެވީ، އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ވަރަށް ކައިރިން ފެނި، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ރައީސް މައުމޫނާއި ބޭބެފުޅު ފާރިސް އަދި ދައްތާފުޅު ޔުމްނާ މައުމޫން، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާއިރު ޣައްސާން ސަރުކާރުގައި ހުންނެވީ މަޖުބޫރީ ހާލަތެއްގައި ކަމަށް ދެކެވޭ ވާހަކަތައް ވެސް ރައްދު ދެއްވި އެވެ. ވިދާޅުވީ، އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެއްވެސް މަޖުބޫރީ ހާލަތެއް ނެތް ކަމަށެވެ. އެފަދަ ވާހަކަތަކަށް މީޑިއާގައި ޖަވާބު މީގެ ކުރިން ދެއްވާފައި ނުވަނީ އޭނާ ހުންނެވި ގޮތަށް އެއްވެސް ބަދަލަށް ނާންނާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ބަޔަކު ވާހަކައެއް ދެއްކިޔަސް ކޮންމެ ފަހަރަކު އަޅުގަނޑު ޖަވާބު ދޭން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން، އަޅުގަނޑު މިހުރީ ހުރި ގޮތުގައި، ރައީސް ޔާމީން ގާތަށް ވެރިކަމަށް ކުރިމަތިލެއްވުމަށް އެދެން ދިޔަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑު މިހުރީ އެގޮތުގަ، އެހެންވެ އެ ގޮތް ބަދަލުނުވާނަމަ އެ ވާހަކަ އަބަދު ދެއްކުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކެން،" މީޑިއާއަށް ޣައްސާން އެހާ ބީރައްޓެހީ ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވި އެވެ.

ޣައްސާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް، ރައްދު ދެއްވާފަ އެވެ. އެއީ، އައިޖީއެމްއެެޗްގެ 25 ބުރީގެ އިމާރާތާ ގުޅިގެން އޭނާއަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތެވެ. ވިދާޅުވީ، އޭނާ އެއްވެސް ކޮރަޕްޝަނެއްގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. އަދި އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ.

ޣައްސާން ވިދާޅުވީ، އޭނާ ރައީސް އޮފީހުގައި ކުރައްވާ މަސައްކަތަކީ، ކަންކަން މޮނީޓާކުރުން ކަމަށާއި، މީހުންނާ ކަންކަން ހަވާލުކުރުން ނޫން ކަމަށެވެ. އެހެންވެ، އައިޖީއެމްއެޗްގެ އިމާރާތް ހަވާލުކުރުމުގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށެވެ. އެ އިމާރާތާ ގުޅޭ ގޮތުން ދެކެވޭ ހުރިހާ ކޮރަޕްޝަނުގެ ތުހުމަތެއް އޭނާ ދޮގުކުރައްވަ އެވެ. ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ، ފެންވަރު ރަނގަޅު އިމާރާތެއް އަޅަން ކަމަށެވެ.