ހަބަރު

"ކެނެޑާ އޮތީ ސިޔާސީ ހައްޔަރީން ދޫކޮށްލަން ގޮވާލައި މުޒާހަރާކުރި މީހުންނާ އެކު"

ކެނެޑާ ސަރުކާރު އޮތީ މިދިޔަ ހުކުރު ދުވަހު މާލޭގައި މުޒާހަރާކުރި މީހުންނާ އެކުގައި ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ރޮބަޓް ނިކޮލްސަން ވިދާޅުވެއްޖެ އެވެ.

ނިކޮލްސަން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ސުލްހަވެރިކަމާ އެކު ކުރި މުޒާހަރާ، ހުދުމުހުތާރުކަން ބޮޑުވަމުން އަންނަ ސަރުކާރުން ރޫޅާލި ގޮތް ކުށްވެރިކުރާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލާފައި ވާތީ އެކަމަށް އިޝާރާތް ކުރަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ޝަރީއަތް ހިނގައިދިޔަ ގޮތް ހައިރާންވާހާ އަނިޔާވެރި ކަމަށެވެ. ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމުގައި ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ގާނޫނުތަކުން ލާޒިމްކުރާ ކަންކަމަށް އިހްތިރާމްކުރަން ޖެހޭނެ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"ކެނެޑާ އޮތީ ސިޔާސީ ހައްޔަރީން މިނިވަންކުރުމާއި ގާނޫނު ނެގެހެއްޓުމަށް ގޮވާލައި މުޒާހަރާ ކުރުމަށް ޖަމާވި އެތައް ހާސް ރައްޔިތުންނާ އެކުގަ އެވެ." ރައީސް ނަޝީދާ ގާތް ގުޅުމެއް ބާއްވާ ކެނެޑާގެ ބަޔާނުގައިވެ އެވެ.

ހަމަނުޖެހުން ހިނގާއިރު ހުރިހާ ފަރާތަކުން ވެސް ކެތްތެރިކަމާއި މަޑުމައިތިރިކަން އިސްކުރުމަށް ގޮވާލާފައިވާ ބަޔާނުގައި ހިޔާލު ފާޅުކުރުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމަށް އިހްތިރާމް ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން ވެފައިވާ ވައުދަށް ކަމޭހިތުމަށް ވެސް ގޮވާލާފައިވެ އެވެ.

މޭޑޭ ފާހަގަކުރުމާ އެކު، ރައީސް ނަޝީދާއި ސިޔާސީ އެހެން ބޭފުޅުން މިނިވަން ކުރުމަށް ގޮވާލައި ކުރި މުޒާހަރާގައި ހަމަނުޖެހުން ހިނގުމުން ފުލުހުން ވަނީ 200 ވަރަކަށް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްްވި ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.