ހައިކޯޓް

ހައިކޯޓުގެ ޝަރީއަތްތައް ހުއްޓިފައި!

އިސްތިއުނާފުގެ ގިނަ ޝަރީއަތްތަކެއް ކުރިއަށްދާ ހައިކޯޓުގައި ޝަރީއަތެއް ތާވަލު ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ހައިކޯޓުގައި މީގެ ކުރިން މިހާ ގިނަ ދުވަސްތަކެއް ޝަރީއަތް ނުހިންގާ ގޮސްފައެއް ނުވެ އެވެ.

ހައިކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެހެން ކަމުން މިހާރު ޝަރީއަތެއް އެ ކޯޓުގައި ނޯންނަތާ މަހަކަށްވުރެ ގިނަ ދުވަސްވީ އެވެ. ކޯޓުގެ ވެބްސައިޓަށް ބަލާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ކޯޓު ރިސެސްއަށް ދިޔަ ކަމެއް ވެސް އާންމު ކޮށްފައެއް ނުވެ އެވެ.

ޖެނުއަރީ މަހުގެ ވެސް މެދާ ހަމައަށް ގޮސްފައިވާއިރު އެއްވެސް ޝަރީއަތެއްގެ އަޑުއެހުމެއް ނުބާއްވާ ސަބަބާ ގުޅޭ ގޮތުން ހައިކޯޓުން އެއްޗެއް ނުބުންޏެވެ.

އެހެންނަމަވެސް އެނގިފައިވާ ގޮތުން ހައިކޯޓުގެ ފަނޑިޔާރުންތަކެއް މިވަގުތު ތިއްބެވީ ޗުއްޓީގަ އެވެ. އަދި، ޝަރީއަތްތަކުގެ ބެންޗާ ފަހުން ގުޅިވަޑައިގެންނެވި ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ހައިކޯޓުގައި މަސައްކަތް ކުރައްވަން ސުޕްރީމް ކޯޓުން އެންގެވިތާ ތިން މަސް ވެސް ވަނީ ހަމަވެފަ އެވެ. މައުމޫލާތު ލިބޭ ގޮތުގައި އެ ފަނޑިޔާރުންނަށް ވަނީ އަލުން ދެކުނު ގޮތްޕަށް ނުކުމެވަޑައިގަތުމަށް މިހާރު އަންގަވާފަ އެވެ. ދެކުނު ގޮފީގެ ޝަރީއަތްތައް ވެސް ކުރިއަށް ނުދެ އެވެ.

ސުޕްރީމް ކޯޓުން ވެސް ވަނީ ހައިކޯޓުގެ ޝަރީއަތްތައް ކުރިއަށްދާ ސްޕީޑާއި މައްސަލަތައް ނިންމޭ އަދަދާމެދު ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ހާއްސަ އަމުރެއް ނެރެފަ އެވެ. ދެކުނު ގޮފީގެ ފަނޑިޔާރުން ތިން މަސް ދުވަސް ވަން ދެން ހައިކޯޓުގައި މަސައްކަތް ކުރައްވަން އެންގެވީ އެ އަމުރުގަ އެވެ. އަމުރު ނެރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެވެ. އެހެން ކަމުން މިހާރު އޭގެ ފަހުން ގާތްގަނޑަކަށް ފަސް މަސްވީ އެވެ. އެ ފަނޑިޔާރުންނަށް މިހާރު ހައިކޯޓުގައި މަސައްކަތް ނުކުރެއްވޭނެ އެވެ.

އެ ފަނޑިޔާރުން އަލުން ދެކުނު ގޮތްޕަށް ވަޑައިގެންނެވުމުން ބައެއް މައްސަލަތަކުގެ ބެންޗަށް އަނެއްކާވެސް ބަދަލު ގެންނަން ޖެހޭނެ އެވެ.

ހައިކޯޓުގެ ޝަރީއަތްތައް ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކޯޓުގައި ފަނޑިޔާރުން މަދުވުމެވެ. ގިނަ މައްސަލަތަކެއް ކުރިއަށްދާ ހައިކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ސުޖާއު އުސްމާންއަކީ ދެކުނު ގޮފީގެ ފަނޑިޔާރުންނެވެ.

ހައިކޯޓުގައި މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހި ދެ ފަނޑިޔާރުން އެ ކޯޓަށް ނެގުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއްވެފައިވީ ނަމަވެސް މިހާތަނަށް އެ ދެ ފަނޑިޔާރުން ނުނެގެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަން ޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް ގާނޫނުގައިވާ އަދަދަށް ފަނޑިޔާރުން އައްޔަން ކުރެވިފައެއް ނުވެ އެވެ. ގާނޫނަށް އިސްލާހު ގެނައީ ވެސް ފަނޑިޔާރުން މަދުވެ އެ ކޯޓުގެ ޝަރީއަތްތައް މަޑު ޖެހިފައިވާތީ އެވެ.

ފަނޑިޔާރުން ނެތުމުން ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް އެގޮތަކަށް ވެސް ވަނީ ނުފެށިފަ އެވެ. އިދާރީ މުވައްޒަފުން އެ ގޮތްޕަށް ނެގިތާ މިހާރު އެތައް ދުވަހެކެވެ.

މީގެއިތުރުން އެ ކޯޓުގައި މިވަގުތު ރެޖިސްޓްރާއެއް ވެސް ނެތެވެ. އެ މަގާމުގައި ހުންނެވި ހަސަން އަލީ މަގާމުން ވަކިކުރުމަށްފަހު އާ ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.