ހައިކޯޓް

ހައިކޯޓުގައި ރަޖިސްޓްރާއަކު ނެތި އެތައް މަހެއް

ފަނޑިޔާރުން މަދުވެ، ޝަރީއަތްތައް މަޑުޖެހިފައިވާ ހައިކޯޓުގައި ރަޖިސްޓްރާއެއް ނެތްތާ އެތައް މަހެއް ވޭތުވެއްޖެ އެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމު ހުސްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ މަގާމުން ދުރު ކޮށްފައިވަނީ ކުއްލި ގޮތަކަށެވެ. އޭނާއަކީ ކުރީގައި ހައުސިން މިނިސްޓްރީގެ ނައިބުގެ މަގާމާއި އިމިގްރޭޝަނުގެ ކޮންޓްރޯލާ ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށްފަހު އާސަންދަ ކުންފުނީގެ އެމްޑީކަން ކުރައްވާފައިވެ އެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުން ހަސަން އަލީ ކުއްލި ގޮތަކަށް ވަކި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. އޭނާގެ އެ މަގާމުން ވަކިކުރި ފަހުން ރަޖިސްޓްރާގެ މަގާމުތަކުގައި ވަގުތީ ގޮތުން ހަވާލުވީ، އެ ކޯޓުގެ ލީގަލް އޮފިސަރު މަރިޔަމް ހޫރުޝީދާ އެވެ. އަދިވެސް އެ މަސައްކަތް ކުރައްވަމުން އަންނަނީ ހޫރުޝީދާ އެވެ.

އޭޕްރީލް މަހުން ފެށިގެން ރަޖިސްޓްރާއެއް ހޯދުމަށް ހައިކޯޓުން މަސައްކަތް ނުކޮށް އޮތް ސަބަބެއް ސާފެއް ނުވެ އެވެ. އެ މަގާމަކީ ސީދާ ހައިކޯޓުން އައްޔަންކުރާ މަގާމެކެވެ.

އެ ކޯޓުގައި ރަޖިސްޓްރާއެއް ނެތްއިރު، ފަނޑިޔާރުން މަދުވެ ޝަރީއަތްތައް ވެސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. ހައިކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އެހެން ކަމުން މިހާރު ޝަރީއަތެއް އެ ކޯޓުގައި ނޯންނަތާ މަހަކަށްވުރެ ގިނަ ދުވަސްވީ އެވެ. ކޯޓުގެ ވެބްސައިޓަށް ބަލާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ކޯޓު ރިސެސްއަށް ދިޔަ ކަމެއް ވެސް އާންމު ކޮށްފައެއް ނުވެ އެވެ.

ހައިކޯޓުގެ ޝަރީއަތްތައް ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ އެ ކޯޓުގައި ފަނޑިޔާރުން މަދުވުމެވެ. ގިނަ މައްސަލަތަކެއް ކުރިއަށްދާ ހައިކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ސުޖާއު އުސްމާންއަކީ ދެކުނު ގޮފީގެ ފަނޑިޔާރުންނެވެ.

ހައިކޯޓުގައި މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމެވެ.

އެނގިފައިވާ ގޮތުން ހައިކޯޓުގެ ފަނޑިޔާރުންތަކެއް މިވަގުތު ތިއްބެވީ ޗުއްޓީގަ އެވެ. އަދި، ޝަރީއަތްތަކުގެ ބެންޗާ ފަހުން ގުޅިވަޑައިގެންނެވި ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ހައިކޯޓުގައި މަސައްކަތް ކުރައްވަން ސުޕްރީމް ކޯޓުން އެންގެވިތާ ތިން މަސް ވެސް ވަނީ ހަމަވެފަ އެވެ. މައުމޫލާތު ލިބޭ ގޮތުގައި އެ ފަނޑިޔާރުންނަށް ވަނީ އަލުން ދެކުނު ގޮތްޕަށް ނުކުމެވަޑައިގަތުމަށް މިހާރު އަންގަވާފަ އެވެ. ދެކުނު ގޮފީގެ ޝަރީއަތްތައް ވެސް ކުރިއަށް ނުދެ އެވެ.

ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ހައިކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވަން ޖެހި ދެ ފަނޑިޔާރުން އެ ކޯޓަށް ނެގުމަށް މަސައްކަތް ކުރާތާ އެތައް ދުވަހެއްވެފައިވީ ނަމަވެސް މިހާތަނަށް އެ ދެ ފަނޑިޔާރުން ނުނެގެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަން ޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް ގާނޫނުގައިވާ އަދަދަށް ފަނޑިޔާރުން އައްޔަން ކުރެވިފައެއް ނުވެ އެވެ. ގާނޫނަށް އިސްލާހު ގެނައީ ވެސް ފަނޑިޔާރުން މަދުވެ އެ ކޯޓުގެ ޝަރީއަތްތައް މަޑު ޖެހިފައިވާތީ އެވެ.