ކުރިމިނަލް ކޯޓުގެ އުސޫލު އޮންނަ ގޮތުން ޝަރީއަތުގެ އަޑުއެހުމަކަށް ވަންނަން ބޭނުންވާނަމަ އެ އަޑުއެހުމެއް ތާވަލުކޮށްފައިވާ ގަޑީގެ 15 މިނެޓްގެ ކުރިން ނަން ނޯޓު ކުރަން ޖެހެ އެވެ. އެންމެ މިނެޓެއް ލަސް ވިޔަސް، އުސޫލުތައް ވަރުގަދަ ކުރިމިނަލް ކޯޓުން ނަން ނޯޓެއް ނުކޮށްދެ އެވެ.
ގަޑިއަށް ނަން ނޯޓުކުރި ނަމަވެސް އެކި ސަބަބުތަކާ ހުރެ ގަޑިއަށް ޝަރީއަތްތައް ނުފެށެ އެވެ. ނަން ނޯޓުކޮށްގެން އެތައް އިރެއް ވާން ދެން ކޯޓު ތެރޭގައި ތިބެންޖެހެ އެވެ. އެގޮތަށް ނަން ނޯޓުކޮށްގެން ކޯޓު ތެރޭގައި ތިއްބާ ޝަރީއަތް ފަށައި، ޝަރީއަތް ނިމާ ދުވަސްތައް މިފަހުން ވަނީ ގިނަވެފަ އެވެ.
އެގޮތުން މީގެ ހަފުތާއެއް ކުރިން ޓެރަރިޒަމް މައްސަލައެއްގައި ނޫސްވެރިއެއް ނަން ނޯޓުކޮށްގެން އިންދާ، އޭނާ ނުވައްދާ ޝަރީއަތް ހިންގާފައިވެ އެވެ. އަނިޔާވެރިކޮށް މަރާލި އަދި ގިނަ ބަޔަކު އެ އަޑުއެހުމެއްގައި ހިންގާ ކަންކަން އެނގެން ބޭނުންވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިދިޔަ ހަފުތާ ބޭއްވި އަޑުއެހުމަށް ވެސް ނޫސްވެރިން ނަން ނޯޓުކޮށް ކޯޓު ތެރޭގައި ތިއްބާ، އެ އަޑުއެހުން ފެށީ ނޫސްވެރިން ނުވައްދަ އެވެ. އެއީ ސިއްރުން ޔާމީންގެ ޝަރީއަތް ގެންދިޔުމަށްފަހު ހުޅުވާލައިގެން ބޭއްވި އަޑުއެހެކެވެ.
މިއަދު ވެސް އެކަން ވަނީ ތަކުރާރުވެފަ އެވެ. ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިޔަ މައްސަލައެއްގެ ޝަރީއަތް މިއަދު 1:00 އަށް ތާވަލުކޮށްފަ އޮތެވެ. ތިން ނޫސްވެރިޔަކު އެ އަޑުއެހުމަށް މިއަދު ހެނދުނު ނަން ނޯޓުކުރި އެވެ. އަދި ޝަރީއަތުގެ ގަޑި ޖެހުނީންސުރެ ނޫސްވެރިން ކޯޓު ތެރޭގައި ތިއްބެވެ. ނަމަވެސް 2:30 ވާން ކައިރިވެފައިވަނިކޮށް ކޯޓުގެ ރިސެޕްޝަނުން އެންގީ އެ ޝަރީއަތް ފަށައި، ނިމިފައިވާ ކަމަށެވެ. ޝަރީއަތުގައި ހިނގި ކަމެއް ނޫސްވެރިންނަށް ނޭނގުނެވެ. ދައުވާ ލިބޭ މީހާ ކޯޓަށް ހާޒިރުކުރި ވަގުތުން ފެށިގެން ރިސެޕްޝަނަށް ފެންނަ ހިސާބުގައި ނޫސްވެރިން ތިއްބެވެ.
ކުރިމިނަލް ކޯޓުން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އެ ކޯޓުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.