ހަބަރު

ރަޖިސްޓާނުކޮށް ކުނި އުކާ ނަމަ ގޭޓް ފީއެއް ނަގަނީ

ވެމްކޯގައި ރަޖިސްޓްރީ ނުކޮށް އަމިއްލައަށް ކުނި އުކަން ދާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭޓް ފީގެ ގޮތުގައި ވަކި ފީއެއް ނަގަން ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ. ފީއެއްގެ ގޮތު ނަގަން ނިންމާފައިވަނީ 30 ރުފިޔާ އެވެ.

މާލެ ސަރަހައްދުން ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރާ މަސައްކަތްތައް ހިއްސާކުރުމަށް ވެމްކޯއާ އެކު އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކުނި އުކަން ބޭނުންވާނަމަ ވީހާ އަވަހަކަށް ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަމިއްލަޔަށް ކުނި އުކާ ފަރާތްތަކަށް ވެސް ކުނި އުކޭނީ 30 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށެވެ.

އަމިއްލަޔަށް ކުނި އުކަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަކި މުއްދަތެއް ނެތް ގޮތަށް ވެމްކޯ އިން ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް ފީ ނަގަން ފަށާނީ ފެބްރުއަރީ އެކަކުން ފެށިގެން ކަމަށް ވާތީ ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތަކުން ވީހާވެސް އަވަހަށް އެ ކުންފުނީގައި ނަން ނޯޓުކޮށް ކުނި އުކުމުގެ ހުއްދަ އޮތްކަން އަންގާ ކާޑު ބަލައިގަތުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ. -- ވެމްކޯގައި ނަން ރަޖިސްޓްރީ ކުރަން ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ --

މިނިސްޓަރު ތޯރިގު މިއަދު ވިދާޅުވީ، އަމިއްލައަށް ކުނި އުކަން ބޭނުންވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް މިދިޔަ އަހަރުން ފެށިގެން ހުޅުވާލާފައިވާއިރު ބައެއް ފަރާތްތަކުން އަދިވެސް އެގޮތަށް އަމަލު ނުކުރާ ކަމަށެވެ.

"އަމިއްލަޔަށް ކުނި އުކަން ބޭނުންވާ މީހުންގެ ގޮތުގައި 3606 މީހުން ވެމްކޯގައި މިހާރު ރަޖިސްޓްރީ ކޮށްފައިވޭ. އެހެން ނަމަވެސް އަދިވެސް ވަރަށް ގިނަ ފަރާތްތަކުން ރަޖިސްޓްރީ ނުކޮށް ކުނި އުކާލަން މި ދަނީ. އެކަން ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދަން ނިންމި ނިންމުމެއް މިއީ،" ތޯރިގް ވިދާޅުވިއެވެ.

އަމިއްލައަށް ކުނި އުކަން ބޭނުންވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރުމުން އެކަން އަންގައިދޭ ކާޑެއް ވެމްކޯ އިން އެ ފަރާތްތަކަށް ދޫކުރާނެ އެވެ. އެ ކާޑު އޮތް ނަމަ ފީ ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް ރަޖިސްޓްރީ ކުރި ބައެއް ފަރާތްތަކުން ވެސް ކާޑާ ހަވާލުނުވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

އަމިއްލައަށް ކުނި އުކަން ބޭނުންވެ، ރަޖިސްޓްރީ ކުރުމުން ވެމްކޯއިން ދޭ ކާޑު ދައްކަން މީގެ ކުރިން ކުނި އުކަންދާ ފަރާތްތަކަށް ނޭންގި ނަމަވެސް މީގެ ފަހުން އެކަން ވެސް މޮނިޓާ ކުރާނެ ކަމަށެވެ. ވީމާ ކާޑު ބަލައި ނުގޮސް ތިބި ފަރާތްތަކުން ވެމްކޯއަށް ގޮސް އެ ކާޑު ހޯދުމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ފާހަގަކޮށްލަން ބޭނުން، މި ފިޔަވަޅުތަކަކީ އީޕީއޭ އިން ނިންމައިގެން އަޅާ ފިޔަވަޅުތަކެއް. ވެމްކޯ އަކީ ފިޔަވަޅު އަޅާ ތަނެއް ނޫން. ދެން މިހާރުވެސް ހާހަކާ ގާތްކުރާ އަދަދަކަށް މީހުން އާދޭ ކުނި އުކަން ރަޖިސްޓްރީ ނުކޮށް. ރަޖިސްޓްރީ ކުރުމަކީ އެކަމަށް ލާރި ހަރަދުވާ ކަމެއް ނޫން. އެހެންވީމާ އެކަން ވީހާވެސް އަވަހަށް ފުރިހަމަ ކުރެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ކުނި އުކުމުގެ މަސައްކަތް ވެމްކޯއިން ފަށާފައިވާއިރު އަދިވެސް ބައެއް ފަރާތްތަކުން ގާޑިއާ ތަކުގައްޔާ ޕިކަޕްތަކުގައި ކުނި އުފުލާތީ އެ އުޅާނދުތައް ހުއްޓުވަން ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ. އެގޮތުން ފެބްރުއަރީ އެކަކުން ފެށިގެން އެފަދަ ކުނި އުފުލާ އުޅަނދުތައް ވެސް ހިފަހައްޓައި އީޕީއޭއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުންޏެވެ.