ހަބަރު

އަދީބުގެ އާއިލާ އާއި ވަކީލުން އެޗްއާރްސީއެމްގެ ރައީސްއާ ބައްދަލުކޮށްފި

ބޭސް ފަރުވާއިން މަހުރޫމްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާ އަދި ވަކީލުން އެޗްއާރްސީއެމްގެ ރައީސް އައިމިނަތު އީނާސްއާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ބޭއްވި ބައްދަލުކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަދީބުގެ އާއިލާގެ ފަރާތުން ބައިވެރިވި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، ބައްދަލުވުމުގައި އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

ނަޝްވާގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވީ އަދީބުގެ ދެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހުފޫޒު ސައީދެވެ. އެޗްއާރްސީއެމްގެ ރައީސްގެ އިތުރުން، އެ ކޮމިޝަންގެ ނައިބު ރައީސް އާއި މެންބަރަކާއި އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޑައިރެކްޓަރު ބައިވެރިވި އެވެ.

ނަޝްވާ ވިދާޅުވީ، އެޗްއާރްސީއެމްއިން އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި އެއްވެސް ތަފާތެއް ނުކޮށް މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމުގައި އެންމެ ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށާއި އެޗްއާރްސީއެމްގެ މަސައްކަތާއެކު އަދީބުގެ ބޭސްފަރުވާގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އަދީބަށް ގުލައުކޯމާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެއިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.

އަދީބަށް ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އަދި އެޗްއާރްސީއެމްއަށް ވެސް އެ މައްސަލަ ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.