- އަހަރުގެ ފޯކަސް މުހިންމު މާކެޓުތަކަށް
- މާކެޓިން ބަޖެޓު ވަނީ ބޮޑުކޮށްފައި
- އިޝްތިހާރު ކުރާ ގޮތަށް ބަދަލު ގެނައި
މިދިޔަ އަހަރަކީ ޓޫރިޒަމްގެ ރެކޯޑު އަހަރެކެވެ. މީގެ ސަބަބަކީ މުޅި އިންޑަސްޓްރީ ގުޅިގެން ކުރި މަސައްކަތް ތަކެވެ. މިއާއެކު މި އަހަރު ވެސް ރާއްޖޭގެ މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފެށީ އާ ހިތް ވަރަކާއެކު އެވެ. މި އަހަރުގެ މި ޖެނުއަރީ މަސް ވެގެން ދަނީ އެ ކުންފުންޏަށް ބުރަ މަހަކަށެވެ.
އެމްއެމްޕީއާރްސީން މި މަހުގެ ތެރޭގައި ފަސް ފެއާއެއްގައި ބައިވެރިވާނެ އެވެ. މާނައަކީ ކޮންމެ ހަފުތާއަކުން ވެސް އެ ކުންފުނީގެ ކޮންމެވެސް ޓީމެއް ދުނިޔޭގެ އެކި ކަންކޮޅުގައި ރާއްޖެ އިޝްތިހާރު ކުރަން މަސައްކަތް ކުރާނެ އެވެ. އެ ކުންފުނިން މި އަހަރު ބައިވެރިވި ފެއާތަކުގެ ތެރޭގައި:
އިންޑިޔާ- އޯޓީއެމް
އެމްއެމްޕީއާރުސީއިން މި އަހަރު ފެށުމުގެ ގޮތުން ފުރަތަމަ ބައިވެރިވީ އިންޑިޔާގެ މުމްބާއީ ވަންވޯލްޓް ޓްރެވަލް މާކެޓެއް (އޯޓީއެމް) ގެ ނަމުގައި ކުރިއަށް ދިޔަ ފެއާގަ އެވެ. މި ފެއާގައި ރާއްޖޭގެ 15 ކުންފުންޏަކުން 22 މީހުން ބައިވެރިވެ އެވެ. ފެއާ ކުރިއަށް ދިޔައީ މިމަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އޯޓީއެމްގައި މިދިޔަ އަހަރު 60 ގައުމަކުން 1300 އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ. އަދި މި ފެއާގައި މިދިޔަ އަހަރުވެސް 14،000 މީހުން ޒިޔާރަތް ކުރިއިރު، މީގެތެރޭގައި 445 ޓްރެވަލް ކުންފުނި ހިމެނެ އެވެ.
އޯޓީއެމް ބޭއްވި އިންޑިޔާއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ އުންމީދީ އެއް މާކެޓެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް 70،372 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އެ ގައުމުން އައި މީހުންނާ އަޅާ ބަލާއިރު 22.9 ޕަސެންޓް އިތުރު އަދަދެކެވެ.
ސްޕެއިންގެ- ފިތޫރު
މީގެ އިތުރުން ދެން ބައިވެރިވީ ސްޕެއިންގެ ވެރިރަށް، މެޑްރިޑްގައި އޮންނަ، ފިތޫރު ޓޫރިޒަމް ފެއާގަ އެވެ. މި ފެއާގައި ރާއްޖޭން 22 ކުންފުންޏަކުން 38 ބައިވެރިން ބައިވެރިވެފައިވެ އެވެ. "ސަނީ ސައިޑް އޮފް ލައިފް" ތީމްގެ ދަށުން، ރާއްޖެ އިޝްތިހާރު ކުރުމަށް ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ކުރާ މަސައްކަތުގައި އިސްވެރިއެއްގެ ގޮތުން، ފިތޫރު ފެއާގައި ބައިވެރިވެވަޑައިގަތީ އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި އިން-ބައުންޑް އަދި އައުޓް- ބައުންޓް ޓޫރިޒަމަށް ހާއްސަކޮށް ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު އެއް ފެއާ ކަމަށްވާ ފިތޫރު ފެއާގެ ފުރަތަމަ ދެ ދުވަހު އޮންނާނީ ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއެކު ބާއްވާ ބައްދަލުވުންތަކެވެ. އަދި ފަހު ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ސްޕެއިންއަކީ އަބަދު ވެސް ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެ ގައުމުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 22،947 މީހުން އައިސްފައިވެ އެވެ. އަދި މި ދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 1.3 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ޖަރުމަން- ބޫޓްފެއާ
ރީތިކޮށް، ފަރުމާކޮށްފައިވާ ސްޓޯލަކާއެކު، ޖަރުމަނުގައި ކުރިއަށްދާ "ބޫޓްފެއާ 2018" ގައި މިމަހު ބައިވެރިވެފައިވެ އެވެ. ޖަރުމަނުގެ ޑުސިލްޑޯފްގައި ކުރިއަށްދާ މި ފެއާގައި ރާއްޖޭން އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދާއި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ އެވެ.
ބޫޓް ފެއާގެ މި އަހަރުގެ ރާއްޖޭގެ ސްޓޯލު ފަރުމާކުރީ ރާއްޖޭގެ ކަނޑުތަކުގެ ހިތް ގައިމު ނޫ ކުލަ ބޭނުންކޮށްގެންނެވެ. އެކާވީސް ސްޓެއާ މީޓަރު ހުންނަ ރާއްޖޭގެ ސްޓޯލުން ފެންނަނީ "މޯލްޑިވްސް ބްލޫ" އެވެ. ކަނޑުތަކުގެ ދިރުން ތަކެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި ބޫޓް ފެއާއަކީ މޫދު ކުޅިވަރުތަކަށް ހާއްސަކޮށް ބާއްވާ ފެއާއެކެވެ. މި ފެއާގައި ކޮންމެ އަހަރަކު ވެސް 60 ގައުމަކުން ބައިވެރިވާއިރު، 18،000 މީހުން ޒިޔާރަތް ކުރާ ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. ޖަރުމަނަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޑައިވަރުން އަންނަ ގައުމެކެވެ. އެ ގައުމުން މިދިޔަ އަހަރު 103,067 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ ކުރީ އަހަރާ އަޅާބަލާއިރު 4.3 ޕަސެންޓް އިތުރުވުމެކެވެ.
ތުރުކީ- އީއެމްއައިޓީޓީ
އީސްޓް މެޑިޓެރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން (އީއެމްއައިޓީޓީ) ފެއާގައި މިހާރު އެމްއެމްޕީއާރުސީން ދަނީ ބައިވެރިވަމުންނެވެ. ތުރުކީގެ ވެރިރަށް، އިސްތަމްބޫލްގައި ކުރިއަށް ދާ އީއެމްއައިޓީޓީ ފެއާ އޮންނާނީ މި މަހުގެ 25 އިން 28 ގެ ނިޔަލަށެވެ. މި ފެއާއަށް ރާއްޖޭން ފަރުމާކޮށްފައިވާ 63 ސްކެއާ މީޓަރުގެ ސްޓޯލްގައި ދައްކައިދެނީ ރާއްޖޭގައި ހަނީމޫން ހަދަން އަންނަ ޓޫރިސްޓުންނަށް ހުރި ހާއްސަ ކަންކަމެވެ.
ހަނީމޫން ހަދަން ގިނަ ބަޔަކު ދަތުރުކުރާ ތުރުކީއަށް ހާއްސަކޮށްގެން ހިންގާ، މާކެޓިން ހަރަކާތްތަކުގައި ރާއްޖޭން އެންމެ އިސްކޮށް ބައިވެރިވަޑައިގަތީވެސް އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.
އީއެމްއައިޓީޓީ ފެއާއަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފަސް ފެއާގެ ތެރޭގައި ހިމެނޭ އެއް ފެއާ އެވެ. މި ފެއާގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ 46،000 މީހުން ބައިވެރިވެ އެވެ.
ތުރުކީ މީހުން ގައުމުން ބޭރަށް ދަތުރުކުރާ އަދަދަށް މަޑުޖެހުމެއް އައިނަމަވެސް، އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ދަތުރު ކުރަމުން ދިއުމުން، ގިނަ ބަޔަކު މި އެއާލައިން ހިޔާރު ކުރެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ގައުމުން 10,405 މީހުން އައިސްފައިވެ އެވެ.
ސުވިޒަލޭންޑް- ފެސްޕޯ
އެމްއެމްޕީއާރުސީން އީއެމްއައިޓީޓީގެ އިތުރުން ސުވިސް ހޮލިޑޭ އެންޑް ޓްރެވަލް ފެއާ (ފެސްޕޯ) ގައި ވަނީ ބައިވެރިވެފަ އެވެ. މި ފެއާ ވެސް ކުރިއަށް ދަނީ 25 އިން 28 ގެ ނިޔަލަށެވެ. ރާއްޖޭގެ 12 ކުންފުންޏަކުން 19 މީހުން ބައިވެރިވެގެން ސުވިޒަލޭންޑުގައި ކުރިއަށްދާ މި ފެއާގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރާއްޖޭން ބައިވެރިވެފައިވަނީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ހާލާ ހަމީދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިލް ލިރާރު އެވެ. ފެސްޕޯ ފެއާއަކީ ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީ ބޯޓު ފަހަރަށް އަންނަ ޓޫރިސްޓުންނަށް ހާއްސަ ފެއާއެކެވެ. ސުވިޒަލޭންޑަކީ ރާއްޖެ އަށް އުންމީދީ މާކެޓެކެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ގައުމުން 32,651 މީހުން އައިސްފައިވެ އެވެ. މިއީ 3.1 ޕަސެންޓް އިތުރު ވުމެކެވެ.
ސަރުކާރުން ވަނީ މި އަހަރު ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ނިންމާފަ އެވެ. މި އަހަރު ޓޫރިޒަމް ބަޖެޓު 100 މިލިއަން ރުފިޔާއަށް ބޮޑު ކުރިއިރު، ރާއްޖޭން 40 ފެއާއެއްގައި މި އަހަރު ބައިވެރިވާނެ އެވެ. މި މަސައްކަތްކާއެކު، އެންމެ ބިޒީ ބަޔަކަށް މިހާރު ވެފައިވަނީ އެމްއެމްޕީއާރުސީއެވެ. އެ ކުންފުނިން ދަނީ ދުނިޔޭގެ ހަތަރު ބިތުގައި ރާއްޖެ އިޝްތިހާރު ކުރަމުންނެވެ.