12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ކަނޑައަޅައިފި އެވެ. އެގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓްގެ އަމުރަކުންނެވެ.
ސުޕްރީމް ކޯޓު މިހާރު ކުއްލި ގޮތަކަށް ނެރުނު އަމުރުގައި ބުނެފައިވަނީ، ދައުލަތުގެ ބަންޑާރަ ނައިބު އެދިގެން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކަމަށް ގާނޫނެއް ފާސްކުރެވެންދެން ވަގުތީ ފަރުވާއެއް ދިނުމަށް ނެރުނު ހުކުމެއް ކަމަށެވެ. ނަމަވެސް، އެ ހުކުމްކޮށް މިހާ ދުވަސްވީއިރު ވެސް ހުކުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައިނުވާ ކަމަށެވެ. އެ ހުކުމަށް ހަ މަހާއި 20 ދުވަސް ވަނީ ވެފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރި ގާނޫނު ފާސްކުރުމަކާ ނުލައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިލެކްޝަން ކޮމިޝަނުން ވަކިކޮށް އެކަން އިއުލާންކޮށްފައިވާ ކަމަށް އަމުރުގައިވެ އެވެ. ނަމަވެސް އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިނުވާ ކަމަށެވެ. އަދި އެ މެންބަރުން މަޖިލީހަށް ވަނުމަށް މަސައްކަތް ކުރުމުން ބައެއް މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައިވާކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
"ފަހަކަށް އައިސް ރާއްޖެ ދެކެމުންދާ ހަމަނުޖެހުންތަކުގެ މައްޗަށާއި ރާއްްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އަސާސީ ހައްގުތަކުގެ މައްޗަށާއި ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގްވާމީ މުއާހަދާތަކުގެ މައްޗަށް ފަރުވާތެރިކަމާއެކު ވިސްނާ ބެލިއިރު އެކަންކަމަކީ ރައްޔިތުންނާއި ދިވެހި ގައުމުގެ އާންމު މަސްލަހަތު ގެއްލި ރާއްޖެ ބަލައިގެންފައިވާ ދުސްތޫރީ ނިޒާމާ ދުރަށް ގެންދާ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވިފައިވާތީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ގާނޫނުތަކުން ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށާއި ދިވެހި ދައުލަތުގެ އަމަލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުގެ މައްޗަށް ބަލައި ވިސްނައި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ މައްޗަށް ބަލައި ފްލޯ ކްރޮސްއާ ބެހޭ ހުކުމް މިއަދުން ފެށިގެން ބާތިލުކުރަން،" އަމުރުގައިވެ އެވެ.
އަމުރުގައި އިތުރަށްވާ ގޮތުން، އެ ހުކުމް އިއްވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި އެންމެހައި މެންބަރުން ހިމެނޭ ގޮތަށް ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން 2018 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވައިދުން ކުރިއަށް ގެންދިޔުމަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުން މި އަމުރު ނެރުނީ އިދިކޮޅު ޕާޓީތަކުން މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ. މިއަދު ހުށަހެޅި މައްސަލައަކީ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއްގޮތުގައި އަސްލީ އިހްތިސޯސްގެ ދަށުން ބަލައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މެންބަރުންގެ ގޮނޑިއާމެދު، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ ސަރުކާރުން އެންޓި-ޑިފެކްޝަން ގާނޫނެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކޮށް، އެ ގާނޫނު ވުޖޫދުވުމާ ހަމައަށްކަމަށެވެ. ނަމަވެސް މިއަދާހަމައަށްވެސް ސަރުކާރުން އެފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިއެއްނުވެއެވެ.
އެ ހުކުމަށްފަހު ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް، އެ ހުކުމުގައި ބުނާ ގާނޫނު ފާސްނުކޮށް މިހާރު އޮތް ހާލަތު އެގޮތަށް ދެމިގެން ދިއުމަކީ ގާނޫނު އަސާސީ އާއި އަމަލުކުރެވޭ ކަމާބެހޭ އެހެނިހެން ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގާނޫނީ އިޖުރައާތުގެ ބާރުކެނޑިގެން ދާނެކަމެއްކަމަށްވާތީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތު ނިމުމަކަށް ގެނައުމަށް މިއަދު ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އެދިފަ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގައި ގާނޫނީ ގޮތުން ތަބާވުން ލާޒިމުވެގެންވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި ސިޔާސީ ޕާޓީގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށާއި އަދި މި ގޮތުން އަމަލުކުރުމަކީ، ގާނޫނުއަސާސީގެ ސިޔާދަތާއި ގާނޫނީ ވެރިކަމާއި ރައްޔިތުންގެ ލާބަޔާއި މަންފާ މުޅި މުޖުތަމައުގެ އާންމު މަސްލަހަތާއި އަމްނު އާންމާއި ރައްޔިތުންގެ ސުލްހަމަސަލަސްކަމާއި އަދި މުޅި ދައުލަތުގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކޮށްދިނުމަށްޓަކައި ޒަރޫރަތްތެރިކަމެއްކަމަށް ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.
އެހެންވެ ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑިއާމެދު ދައުލަތުގެ މުއައްސަސާތަކުން ނިންމާފައިވާ އެންމެހައި ނިންމުންތައް ބާތިލްކޮށްދިނުމަށްވެސް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގައި އެދިފައިވެ އެވެ.
މައްސަލާގައި އިތުރަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ، އެމީހުންގެ ފިކުރު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ރައްޔިތުންގެ މަންދޫބުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކަށް ރައްޔިތުންގެ މަޖިލީހަށް ވަދެ އެމީހުންނަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް ސަރުކާރުން ހުރަސްއެޅުމުން، ދިވެހި މުޖުތަމައުގެ އާންމު މަސްލަހަތާއި އަމްނު އާންމާއި ރައްޔިތުންގެ ސުލްހަ މަސަލަސްކަންވަނީ ގެއްލިފަ ކަމަށް ބުނެފައިވެ އެވެ.
މިހާތަނަށް އެގޮތަށް 12 މެންބަރެއްގެ ގޮނޑި ވަނީ ގެއްލުވާލައިފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.