ހަބަރު

ޖޭއެސްސީއަށް ސުޕްރީމް ކޯޓަށް ފިޔަވަޅު ނޭޅޭނެ

އުއްތަމަ ފަނޑިޔާރާއި އެހެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އެއްވެސް މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން އަމުރު ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރު ކެނޑުވުމުގެ ކުށުގެ އަމަލަކަށް މެނުވީ ނުވާނެ ކަމަށެވެ. ފަނޑިޔާރުންނާ ބެހޭ ޝަުކުވާތައް ބެލުމުގެ އިހްތިސޯސް ޖޭއެސްސީއަށް އޮތް ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު ނެތް ކަމަށެވެ.

"އެ ކޮމިޝަނުގެ ބާރުތަކާއި އިހްތިސޯސްތައް ކަނޑައެޅި ހުދޫދުކުރެވިފައިވާ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ހ)އިން އެ ކޮމިޝަނުގެ ބާރު ހިނގާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދިޔަވައި އެހެން ފަނޑިޔާރުންގެ މައްޗަށްކަން ސާފުކޮށް އެނގެން އޮވޭ،" އަމުރުގައިވެ އެވެ.

އަމުރުގައި އިތުރަށް ވަނީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާކޮށް ބެލުމުގެ އެއްވެސް އިހްތިސޯސެއް ނުވަތަ ބާރެއް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށެވެ. އޭގެ އިތުރުން ލިއުމުން ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ކޯޓަކަށް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު އައްޔަން ކުރުމާ ގުޅޭ އެއްވެސް މަސައްކަތެއް އެހެން ފަރާތަތަކަށް ނުކުރެވޭނެ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.