1 ފެބުރުއަރީގެ އަމުރު

ވެބްސައިޓް ހެކް ކޮށްފައެއް ނުވޭ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ވެބްސައިޓް ވަނީ ހެކްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސުޕްރީމް ކޯޓުން ދޮގުކޮށްފި އެވެ. ސުޕްރީމް ކޯޓުން މިހެން ބުނީ، ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ޗެނަލް 13" އެގޮތަށް ރިޕޯޓުކުރުމުންނެވެ.

ސުޕްރީމް ކޯޓުން މިރޭ ބުނީ، ވެބްސައިޓް ހެކްކޮށްފައިނުވާ ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރަކީ އިދާރާތަކަށް ރައްދުކޮށް ނެރެފައިވާ އަމުރެއް ކަމަށެވެ.

ސުޕްރީމް ކޯޓުން މިރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށެވެ.