1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒު ނުކުރާނަމަ ފިޔަވަޅު އަޅަން އަންގައިފި

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހަދާނަމަ، އެ މައްސަލައެއް ޝަރީއަތަށް ފޮނުވައިގެން ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ވަނީ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފަ އެވެ. އަދި ހުރިހާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް އަންގާފަ އެވެ. ފުލުހުން މިހާރު ވަނީ އެ އަމުރު ތަންފީޒުކުރަން ފަށާފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ކަރެކްޝަނަލް ސާވިސްއިން ވެސް ވަނީ އެކަން ކުރަން ފަށާފަ އެވެ.