1 ފެބުރުއަރީގެ އަމުރު

އަމުރުގެ ސައްހަކަން މިދަނީ ބަލަމުން: ސަރުކާރު

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައިވާ ކަންކަން ތަންފީޒުކުރާނެ ކަމަށާއި ނަމަވެސް އެ އަމުރުގައި ސަރުކާރުން ވިސްނަންޖެހޭ ބައެއް ކަންކަން އެބަހުރި ކަމަށް ސަރުކާރުން ދާދިދެންމެ ބުނެފި އެވެ.

މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އަމުރު ސިފަ ކުރެއްވީ، "ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބެލެވޭ އަމުރެއްގެ" ކަމަށެވެ. އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަމާމެދު ސަރުކާރަށް ސުވާލުތަކެއް ހުރުމުން އެކަން ސާފުކުރުމަށް ސުޕްރީމް ކޯޓާ ވާހަކަ ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން އަދި ކާމިޔާބު ނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އަންނަ ގާނޫނީ ނުކުތާތައް ސާފު ކުރުމަށް އެ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"އެހެންކަމުން އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާނަން، އެކަމަށްޓަކައި ސުޕްރީމް ކޯޓާއެކީގައި މަސައްކަތް ކުރެވޭތޯ ނޫނީ އެކަންކަން ސާފު ކުރެވޭތޯ ބަލަމުން،" އަނިލް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުގެ ގިނަ މުއައްސަސާތަކަށް ރައްދުވާ ގޮތަށް ނެރެފައިވާ އަމުރު ތަންފީޒުކުރަމުންދާ ކަމަށާއި ނަމަވެސް އެ އަމުރުގައި ސަރުކާރުން ސާފުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް މި ވަގުތު ކޮންމެ ފަދަ ނުރައްކަލަކަށް ވެސް ގައުމު ހިނގައިދާނެ ކަމަށާއި އެހެންކަމުން ރައްކާތެރިކަމާއި އަމާންކަން އިސް ކުރައްވައިގެން ރައްޔިތުން ތިއްބެވުމަމް އާދަމް ޝަރީފް އެދިވަޑައިގަތެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އަރީފް މަގާމުން ދުރުކުރިކަން ވެސް ހާމަކުރެއްވި އެވެ. އަދި އަރީފްގެ ބަދަލުގައި ފުލުހުންގެ އިދާރާ ހިންގަން ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީއާ ހަވާލު ކުރައްވާފައިވާ ކަމަށް ވެސް އަނިލް ވަނީ އިއުލާންކޮށްފަ އެވެ.

ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ.