1 ފެބުރުއަރީގެ އަމުރު

ސިނާން، އިލްހާމް އަދި ނަދީމް ހައްޔަރުކުރަން ނެރުނު އަމުރުތައް ބާތިލުކޮށްފި

މަންޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަދި، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުތައް އެ ކޯޓުން މިރޭ ބާތިލުކޮށްފި އެވެ.

އަމުރުތައް ބާތިލުކުރީ، ނަދީމް ހައްޔަރުކޮށްފައިވަނިކޮށެވެ. ސިނާން އާއި އިލްހާމް ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއަށް ކުރެވޭ ތުހުމަތާ ގުޅިގެން އެ ދެ މެންބަރުންނަށް 14 ދުވަސް ތެރޭގައި ފުލުހަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

ކުރިމިނަލް ކޯޓުން އެ އަމުރުތައް ބާތިލުކުރީ ސުޕްރީމް ކޯޓުން ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް އަމުރު ނެރެފައިވަނިކޮށެވެ. އެ ކޯޓުން އަމުރުތައް ބާތިލުކުރީ "އެ ބޭފުޅުން ހައްޔަރުކުރުމުގެ ޝަރުއީ އަދި ގާނޫނީ ޟަރޫރަތެއް މިވަގުތު އޮތް ކަމަށް ނުފެންނާތި" ކަމަށެވެ.

ކުރިމިނަލް ކޯޓުން އަމުރުތައް ބާތިލުކުރައްވާފައިވަނީ ކޯޓުގެ އިސް ގާޒީ އާދަމް އާރިފެވެ.

ނަދީމް ހައްޔަރުކޮށްފައިވާއިރު އޭނާއަށް ތުހުމަތުކޮށްފައިވަނީ ފާރިސް މައުމޫންއާއެކު މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ. އިލްހާމާއި ސިނާންއަށް ވެސް ކުރަނީ އެ ތުހުމަތެވެ.