1 ފެބުރުއަރީގެ އަމުރު

ފުލުހުން ކަރުނަ ގޭސް ޖަހައިފި

އާޓިފިޝަލް ބީޗަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ގޮސްފި އެވެ. އެ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅުކުރަމުންނެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު ސީޕީ އަރީފް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އެ ސަރަހައްދުގައި ޝީލްޑާއެކު ފުލުހުން ހަރަކާތްތެރިވަމުންދާއިރު އެއްވުމުގެ ބައިވެރިން ދަނީ ފަހަތަށް ޖައްސަމުންނެވެ.

އުފާ ފާޅުކުރަމުން ދިޔަ މީހުންނާ ދިމާލަށް ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާފަ އެވެ. ކަރުނަ ގޭސް ޖެހުމުގެ ސަބަބުން އޭގެ އަސަރު ބައެއް މީހުންކޮށްފަ އެވެ. ބައެއް މީހުން މިހާރު ދަނީ އެކި މަގުތަކުގަ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ދަނީ އެމީހުން ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ކަރުނަ ގޭހުގެ އިތުރުން ޕެޕާ ސްޕްރޭ ވެސް ވަނީ ޖަހާފަ އެވެ. އޭގެ ސަބަބުން އެތައް ބައަކަށް އޭގެ އަސަރުކޮށްފައިވެ އެވެ. ބައެއް މީހުން ހޮސްޕިޓަލަށް ވެސް ވަނީ ގެންގޮސްފަ އެވެ.

ސަރުކާރުގެ ފަރާތުން ބަނޑޭރި ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައީސް ޔާމީން މިރޭ އަރީފްއާ ގުޅުއްވުމަށް އެކި ފަހަރުގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަރީފްގެ މިހާތަނަށް ވެސް އަރީފްގެ ފޯނަށް ގުޅޭ ގޮތް ނުވުމުން، ގާނޫނުން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސީޕީގެ މަގާމުން އަރީފް ވަކި ކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

އަނިލް އިތުރަށް ވިދާޅުވީ ރައީސްގެ އެ ނިންމުމާ ގުޅިގެން ދެން ފުލުހުންގެ އިދާރާއާ އިސްކޮށް ހަވާލުވާނީ ޑެޕިއުޓީ ކޮމިޝަނަރު ކަން އަދާކުރަމުން އަންނަ ސައުދީ ކަމަށެވެ.

ސީޕީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ސީޕީ އަމުރު ތަންފީޒުކުރަން ފެށި ފަހުންނެވެ. ފުލުހުން އެގޮތަށް ޓްވީޓް ކުރުމަށްފަހު މިހާރު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ މިހާރު ހިންގުމާ ހަވާލުވެ ހުންނެވީ ސައުދީ ކަމަށެވެ.