1 ފެބުރުއަރީގެ އަމުރު

ފަސް ފަނޑިޔާރުންގެ ސޮޔާއެކު އަމުރު އާންމުކޮށްފި

މިރޭ ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ފަސް ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ޝާއިއު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި ޖަލުގައި ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ނެރުއްވި އަމުރު ނެރުއްވާފައިވަނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަނެއް ހަތަރު ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވަނީ އަމުރުގައި ސޮއި ކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުން މިރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރުފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށެވެ.