ފުލުސް އޮފީސް ހިންގުމާ ވަގުތީ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ ރައީސް އަބްދުﷲ ޔާމީން މިއަދު އޭނާގެ މަގާމުން ވަކިކުރައްވައިފި އެވެ. ރައީސް އޮފީހުން ނެރުނު ބަޔާނެއް މެދުވެރި ކުރައްވާ އެކަން ވަނީ މިހާރު ޔަގީންކޮށްދީފަ އެވެ.
ސައުދީއަށް ފުލުހުންގެ ހިންގުން ހަވާލުކުރީ، ކޮމިޝަނަރަކަށް ހުންނެވި އަހުމަދު އަރީފު މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ. އަރީފު މަގާމުން ވަކިކުރީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރަން ނިންމި ކަމަށް ފުލުހުން ރަސްމީކޮށް އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވެ އެވެ. އެރޭ ސަރުކާރުން ބޭއްވި ނޫސްކޮންފަރެންސެއްގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އަރީފް މަގާމުން ވަކިކުރީ ރައީސް އަބްދުﷲ ޔާމީން އަރީފަށް ފޯނުން ގުޅަން މަސައްކަތް ކުރި ނަމަވެސް، ގުޅޭ ގޮތް ނުވުމުން ކަމަށެވެ.
އެހެން ނަމަވެސް، އަރީފް މީޑިއާތަކަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ރާއްޖޭގެ އެންމެ މަތީގެ ކޯޓްގެ އަމުރު ތަންފީޒު ކުރަން އޭނާ މަސައްކަތް ކުރެއްވުމުން ކަމަށެވެ. ސައުދީ މަގާމުން ވަކި ކުރުމަށް ފަހު ފުލުހުންގެ ހިންގުން ހަވާލުކުރީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ނަވާޒްއާ ކަމަށް ފުލުހުން ވަނީ ދާދި ދެންމެއަކު އިއުލާންކޮށްފަ އެވެ.
ސުޕްރީމް ކޯޓްގެ އަމުރަށް 48 ގަނޑިއިރުވުމާ ގާތްވެފައިވާ އިރު ސަރުކާރުން އެ އަމުރު ތަންފީޒު ކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކުރަން ފުލުހުން ނިންމީ، އެކްޒެކެޓިވް ބޯޑްގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.