1 ފެބުރުއަރީގެ އަމުރު

އަމުރު އެއް ފަރާތްކުރުން: ނަތީޖާއަކީ ކޮބާ؟

ސުޕްރީމް ކޯޓުން އަމުރެއް ނެރުނުތާ މިހާރު 48 ގަޑިިއިރަށްވުރެ ގިނަ އިރުވެފަ އެވެ. ނަމަވެސް ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލުމަށް އެންގި އެ އަމުރު މިހާތަނަށް ދައުލަތުން ތަންފީޒުކޮށްފައެއް ނުވެ އެވެ. ކޮންމެ އިދާރާއަކުން ވެސް ތަންފީޒު ކުރަމުންދާ ކަމަށް ބުނެ ނިންމާލަނީ އެވެ. ސުޕްރީމް ކޯޓުގެ ސާފު އަމުރެއް "ބޮލާލައި ޖަހާފައިވާ" ތަން މިދަނީ ފެންނަމުންނެވެ.

ތަފާތު "ބަހާނާތަކާއެކު" އަމުރު ތަންފީޒު ކުރުމަށް ހުރަހަކަށް ވެފައިވަނީ ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލެވެ. ފުލުހުން ވެސް ވަނީ އަމުރު ތަންފީޒު ކުރާނީ، އެ ދެ ބޭފުޅުންގެ ލަފާގެ މަތިންކަން އަންގާފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އެ ދެ ބޭފުޅުންގެ ލަފާއެއް ބޭނުންވޭ ހެއްޔެވެ؟

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވި ގޮތުގައި، އަމުރު ތަންފީޒު ކުރުމުގަ ބަންޑާރަ ނައިބާއި ޕީޖީގެ ސީދާ ދައުރެއް ނޯންނާނެ އެވެ. އަމުރު ތަންފީޒު ކުރުމުގަ ބަލަންޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގައިވާ ގޮތަށް އަމަލު ކުރުން ކަމަށެވެ. ފާއިޒް ވިދާޅުވީ "ގާނޫނު ބުނާ އަމުރު ރައްދުވާ ކޮންމެ ފަރާތެއްގެ މައްޗަށް ލާޒިމް" ކަމަށެވެ.

އެހެންވީއިރު މި އަމުރު ތަންފީޒު ނުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވެރިންނަށް ތިބި މީހުންނަށް އޮތީ ކޮން ހުކުމެއް ހެއްޔެވެ؟

ދެހާސްބާރަވަނަ އަހަރު ކުރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުމާ ގުޅިގެން އޭރުގެ ޕްރޮސިކިއުޓާ ޖެނަރަލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ގާޒީ ވަގުތުން ދޫކޮށްލުމަށް އެންގި އެވެ. ނަމަވެސް އެ އަމުރަށް އޭރުގެ ސަރުކާރުން ކިޔަމަނެއް ނުވި އެވެ. އޭގެ އަދަބު އޭރުގެ ސަރުކާރުގެ ވެރިޔާ ރައީސް މުހައްމަދު ނަޝީދު ވަނީ އުފުލަން ޖެހިފަ އެވެ. އަބްދުﷲ ގާޒީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނުކަން ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނަށް އައެވެ. ހަމަ މި ހުކުމް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ކަލޭފާނަށް ވެސް އައެވެ. މާލޭ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް ދީދީއަށް ވެސް އެ މައްސަލާގައި ވަނީ ދައުވާކޮށްފަ އެވެ.

މިހާރު ވެސް މިއޮތީ ހަމަ އެފަދަ ހާލަތެކެވެ. ސުޕްރީމް ކޯޓުން ނެރެފައިވަނީ އަމުރެކެވެ. އެ އަމުރާ ދެކޮޅު ހަދައި، އެ އަމުރަށް އަމަލު ނުކުރުމުގެ އެއްވެސް އިހްތިޔާރެއް ހުދު ރައިސުލްޖުމްހޫރިއްޔާއަށް ވެސް ނޯންނާނެ އެވެ.

ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާގައި ވަރަށް ސާފެވެ. ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނާއި، މުސްތަގިއްލު މަގާމުތަކުގައި ތިބިމީހުންނާއި، ދައުލަތުގެ މުއައްސަސާތަކުންނާއި، ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވުން ލާޒިމު ނިންމުމެއް ކަމަށް އެ މާއްދާގައިވެ އެވެ.

އެ މާއްދާގައި އެހެން ސާފުކޮށް ބަޔާންކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ އަމުރަކީ އިސްތިއުނާފު ކުރެވޭނެ އަމުރަކަށް ނުވާތީ އަމަލުކުރުން ލާޒިމެވެ. ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، "އެއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަކީ ގާނޫނު ހުއްދަ ކުރާ ގާނޫނު ދަންނަ ކަމެއް ނޫން" ކަމަށެވެ.

ބަންޑާރަ ނައިބާއި ޕީޖީ، ސުޕްރީމް ކޯޓުގެ އަމުރުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ އެކަމާ މަޝްވަރާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ގުޅުއްވާފަ އެވެ. އަދި، މަޝްވަރާތައް ކުރައްވާފަ އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރާ މިފަދަ މަޝްވަރާއެއް ކުރެވޭނެ ކަމަށް އެއްވެސް ގާނޫނެއްގަ ނެތެވެ. އަދި އަމުރު ތަންފީޒުނުކޮށް އަމުރާމެދު ސުވާލު އުފައްދައިގެން ދައުލަތަށް ތިބެވިދާނެ ކަމަށް ވެސް އެއްވެސް ގާނޫނެއްގެ އެއްވެސް މާއްދާއެއްގަ ނެތެވެ.

ކޯޓު އަމުރެއް ނެތި، މީހަކު ހިފަހައްޓާނަމަ އެއީ ރަހީނުކުރުން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން އެ ނުވަ ބޭފުޅުން ދޫކޮށްލުމަށް އަމުރުކޮށްފައިވާއިރު އެ ބޭފުޅުން ހައްޔަރުގައި ބެހެއްޓުމުގެ އެއްވެސް ސައްހަ އަމުރެއް މިހާރު ނޯންނާނެ ކަމަށެވެ. އެހެންވީމަ އެ ބޭފުޅުން މިހާރު ބަންދުކޮށްގެން އުޅުމުގައި ބައިވެރިވާ އެންމެންނަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

"ކޯޓުން އަމުރުކޮށްފައިވާ ބޭފުޅުން ހިފަހައްޓަން އަމަލީ ގޮތުން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ޕީޖީ ވެސް އޭޖީ ވެސް އެ ބޭފުޅުންނާ ސައްލާ ކުރައްވައިގެން ވެސް އެ ކުރައްވަނީ ޖިނާއީ ކުށެއް، އެއިން ކޮންމެ މީހަކު ވަކިވަކިން ވެސް ޒިންމާ އުފުލަންޖެހޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ރަހީނުކުރުމަކީ ޓެރަރިޒަމްގެ އަމަލެކެވެ. އެހެންކަމަށްވާއިރު، ސައްހަ ނޫން ގޮތެއްގައި މީހަކު ބަންދުކޮށްގެން އުޅޭނަމަ ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން 10 އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް އެކަމަށް އަތުވެދާނެ އެވެ. މިހާރު އޮތް ހާލަތުގައި އޭގެ ޒިންމާ އުފުލަންޖެހޭނީ ތަންފީޒީ އިދާރާތަކުގެ ވެރިންނެވެ. މީގެއިތުރުން ގާނޫނުލް އުގޫބާތުގެ ދަށުން ވެސް ދައުވާ ކުރެވިދާނެ އެވެ. ގާނޫނުލް އުގޫބާތުގައި މިނިވަންކަން ނިގުޅައިގަނެވޭ ގޮތަށް މީހުން ހިފެހެއްޓުމާއި ކަންކަން މަޖުބޫރުކުރުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ގާނޫނުގެ 140 ވަނަ މާއްދާގައިވަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމަކީ ކުށެއް ކަމަށް އޮވެ އެވެ. އަދި، ގާނޫނާ ހިލާފު އަމުރަކަށް ތަބާވުމަކީ ގާނޫނު މަނާކުރާ ކަމަށްވާއިރު، އެފަދަ އަމުރުތަކަށް ތަބާވާ ފުލުހުންގެ އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ޒިންމާ އުފުލަންޖެހޭނެ އެވެ.

ރައީސް ޔާމީން އިއްޔެ ވިދާޅުވެފައިވަނީ އަމުރު ތަންފީޒުކުރާނެ ކަމަށާއި ނަމަވެސް އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި ރައީސް ވަނީ އަމުރުން ދޫކޮށްލަން އެންގި ބޭފުޅުންނަކީ ބޮޑެތި ކުށްވެރިން ކަމަށް ވިދާޅުވެފަ އެވެ. މިހާރު އަމުރު އޮތް ގޮތުން އެ ނުވަ ބޭފުޅުންނަށް ކުށެއް ސާބިތުވާ ހުކުމެއް ނެތެވެ. ހުކުމްތައް އަމުރުން ވަނީ ބާތިލުކޮށްފަ އެވެ. އަނެއް ކޮޅުން އަމުރެއް ނެރުމާއެކު އެ ތަންފީޒުކުރަން ގާނޫނުގައި ބުނާއިރު އެ އަމުރުގައި ވެސް ވަގުތުން އަމުރު ތަންފީކުރަން އަންގާފައިވެ އެވެ. އެހެންކަމަށްވާއިރު އެކަމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވުން ގާނޫނާ ފައްތާނީ ކޮން ހަމައަކުންތޯ ދަނީ ސުވާލު އުފައްދަމުންނެވެ.

ދައުލަތުގެ ވެރިޔާއަކީ ތަންފީޒީ އިދާރާތަކުގެ އެންމެ މަތީ ވެރިޔާ ކަމަށް ރައީސް ވިދާޅުވުމަކީ އެންމެ މަތީ ކޯޓުގެ އަމުރު "ބޮލާލައި ޖެހުމަށް" އޮތް ފުރުސަތެއް ނޫނެވެ. ގާނޫނު ބައްޓަން ކޮށްފައި އޮތީ، ކޯޓުތަކުގެ އަމުރުތަކަށް އަމަލުނުކޮށް ކޯޓުތަކުގެ ހުރުމަތް ކަނޑާ މީހުންނާ ގާނޫނުގެ ދިގު އަތް ބައްދަލުކުރާ ގޮތަށެވެ.