1 ފެބުރުއަރީގެ އަމުރު

މި ބިމުގައި އަދީބުގެ އެއްވެސް ހައްގެއް ނޯންނާނެ: ރައީސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެއްވެސް ހައްގެއް މި ފަސްގަނޑުގައި ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އޮތް ޕީޕީއެމްގެ އެއްވުމުގަ އެވެ.

އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަދީބަކީ ގޯސް ހަދަންދެން އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަދީބު ވަނީ އެތައް ގޯހެއް ހަދާފައި ކަމަށެވެ. އޭނާ ދޫކޮށްލުމަށް ގޮވާލައި ގޮވާލުންތަކަކީ އެއްވެސް ވަރެއްގެ ސަމާލު ކަމެއް ދޭން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ އެކަމާ އެއްގޮތަކަށް ވެސް ވިސްނަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަހުމަދު އަދީބުގެ އޮތީ ކޮން ހައްގެއްތޯ، އަހުމަދު އަދީބުގެ އެއްވެސް ހައްގެއް ދިވެހި ބިމުގަ އެބަ އޮތްތޯ، އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ކަމެއް ހައްޖުގެ އަޅުކަން ނިންމާފައި އައި ތަނުން، އަޅުގަނޑު އެކަނި މަރާލަންޏާ އެކަން ކުރަންވީ، އެކަމަކު އަޅުގަނޑާއެކު މައުސޫމް އެތައް ބަޔަކު ތިއްބޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަދީބަކީ އިހްލާސްތެރި ކަމެއް ނެތް އިހުސާންތެރި ކަމެއް ވެސް ނެތް މީހެއް ކަމަށެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުން ދޫކޮށްލުމަށް އަމުރުކުރި ބޭފުޅުންގެ ތެރޭގައި އަދީބު ހިމެނެ އެވެ. ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން އެ ބޭބޭފުޅުންގެ މައްސަލަތަކާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކުން އެ ބޭފުޅުންގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތަކީ ނުފޫޒުން ހިންގާފައިވާ ޝަރީއަތްތަކެއްކަން ހާމަވާ ކަމަށެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކަ އެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނަން އެބަ އޮތް ކަމަށް ވެސް އަމުރުގައިވެ އެވެ. އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް އަމުރުގައި ސާފު އިބާރާތުން ބުނެފައިވެ އެވެ.

ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، އަމުރުގައި ދޫކޮށްލަން ބުނެފައިވާ ބޭފުޅުންނަކީ ބޮޑެތި ކުށްވެރިން ކަމަށާއި އެ ބޭފުޅުންނަށް ހުކުމް ކޮށްފައިވަނީ ކޯޓުތަކުން ކަމަށެވެ. ރައީސް އޮފީހުން ނޫން ކަމަށެވެ. ކޯޓުތަކުގެ ހުކުމްތަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.