1 ފެބުރުއަރީގެ އަމުރު

އިދިކޮޅު އެއްވުމަށް މިރޭ ފުލުހުން ހުރަހެއް ނޭޅި

ހުކުމްތައްކޮށް ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުންނާއި އެހެން ބައެއް މީހުން މިނިވަންް ކުރަން ސުޕްރީމް ކޯޓުން އަމަރު ނެރުނުރޭ އެކަމުގެ އުފާ ފާޅުކުރަން އާޓިފިޝަލް ބީޗް ސަރަހައްދުގައިވާ އެމްޑީޕީގެ ހަރުގެ ކަައިރިއަށް މީހުން ޖަމާވި އެވެ. އެރޭގެ އެއްވުން ފުލުހުން ރޫޅައިލީ އާއްމުކޮށް އެފަދަ އެއްވުމެއް ރޫޅަން ޖަހާ ވަރަށް ވުރެ ގިނައިން ކަރުނަގޭސް ޖަހައިގެންނެވެ.

ބުރާސްފަތި ދުވަހު ރޭ އެއްވި މީހުން މަދުވަމުން ވިއްސިވިހާލިވަމުން ދިޔައިރު ވެސް ފުލުހުން އުޅުނެވެ. އޭގެ ފަހުން ހުކުރު ދުވަހުގެ ރޭ ވެސް ކަން ހިނގައިދިޔައީ އެކަހަލަ ގޮތަކަށެވެ. މުޒާހަރާ ރޫޅައިލި އިރު ބައެއް މީހުން ހައްޔަރުކޮށްގެން ގެންދަން ވެސް ގެންދިޔައެވެ.

އެއާ ހިލާފަށް މިރޭ ފެނުނީ ތަފާތު މަންޒަރެކެވެ. އެމްޑީޕީ ހަރުގެ ކައިރިއަށް މިރޭ މީހުން އެއްވުމުން ފުލުހުން ކުރަމުން ދިޔަ ހަމަ އެކަނި ކަމަކީ އެ އެއްވުން ބާއްވަމުން ދިޔަ ސަރަހައްދަށް ދެވެން އޮތް ތަންތަނުގައި ބެރިކޭޑް ޖަހައި، ޓްރެފިކް ފްލޯ ކޮންޓްރޯލް ކުރުމެވެ. އެކަމުގައި ވެސް ހަރަކާތްތެރިތަން ފެނުނީ މަދު އަދަދެއްގެ ފުލުހުންނެވެ. ނަަމަވެސް ޗައިނާ އެމްބަސީ ކުރިމަތީގައިވާ ފުލުހުންގެ ޕޯސްޓްގެ ކައިރީގައި ވެހިކަލެއް ބާއްވައިގެން ތައްޔާރީ ހާލަތުގައި ފުލުހުން ތިއްބެވެ. އެމީހުންގެ ވެހިކަލްގައި އައްޑަނަތައް ވެސް ހުއްޓެވެ.

އިދިކޮޅު މީހުންނާ މެދު ފަހަކަށް އައިސް ފުލުހުން އަމަލުކުރަމުން އައި ގޮތަށް ބަލާއިރު މިއީ ބަދަލެކެވެ.