ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިމްތިޔާޒުތައް ނަހަމަ ގޮތުގަ ބޭނުން ނުކުރަން ރައީސް އަބްދުﷲ ޔާމީން އަންގަވައި އެ ކޯޓުގެ ފަނޑިޔާރުންނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ރައީސް ޔާމީން މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ގާނޫނު އަސާސީގައި ދައުލަތާއި މުއައްސަސާތަކަށް އަމަލު ކުރެވޭނެ އިންތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހައްގުތަކާއި ވެރިކަން ކުރާ ބާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކާއި ސަލާމަތީ ހިދުމަތްތަކުގެ ގާނޫނީ ބާރާއި އެ ބާރުތައް ބޭނުން ކުރެވޭނެ އިންތައް ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމުގައި މައްސަލަތަކެއް ދިމާވި ކަމަށާއި އަމުރު ތަންފީޒުކުރަންޖެހޭ އިދާރާތަކުގެ މުއައްޒަފުންގެ ގާނޫނީ ވާޖިބަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ސިޓީގައިވެ އެވެ. މުއައްސަސާތަކުގެ ވާޖިބަށް ހުރަސް އެޅި، މުވައްޒަފުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.
"މިކަންކަން މިހެން ހިނގަމުންދާނަމަ ދައުލަތުގެ ހިންގުމުގެ ބާރުތައް މަސްހުނިވެ ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ އިންތައް ގެއްލި، ގާނޫނު އަސާސީއިން ބޭނުން އިސާހިތަކު ކެނޑިގެން ހިނގައިދާނެ،" ސިޓީގައިވެ އެވެ.
ސިޓީގައި އިތުރަށް ބުނެފައިވަނީ، އެކަންކަން ހައްލުކޮށް މުއައްސަސާތައް ހިނގަނީ ގާނޫނު އަސާސީގައިވާ ގޮތަށްތޯ ކަށަވަރުކުރުމަކީ ރައިސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. ގާނޫނު އަސާސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދީފައިވާ ބާރުތަކާއި އިމްތިޔާޒުތައް އެހެން މުއައްސަސާތަކުގެ ބާރުތަކާއި ވާޖިބުތައް ނުގެއްލޭ ގޮތަށް ބޭނުން ކުރުމަށް ވެސް ސިޓީގައި ރައީސް ވަނީ ދަންނަވާފަ އެވެ.