ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ވެރިޔާ ހަސަން ސައީދު ދާދިދެންމެއަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހަސަން ހޯދުމަށް މީގެކުރިން ވެސް މަސައްކަތްތަކެއް ކުރި އެވެ. އޭނާ ހައްޔަރުކުރުމަށް ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެއަށް ގޮސް ދޮރު ވެސް ވައްޓާލާފަ އެވެ. ނަމަވެސް އެ ދުވަހު ހަސަން އުޅޭ ތަނެއް ފުލުހުންނަށް ނުހޯދުމުން ވަނީ ހޯދަން އިއުލާން ކޮށްފަ އެވެ. ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން ވަނީ އޭނާ ހައްޔަރުކުރަން ނެރެފައިވާ އަމުރު ބާތިލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފުލުހަށް ހުށަހެޅުނު ރިޝްވަތުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފުލުހުން ހަސަން ސައީދު ހައްޔަރުކުރަން އުޅޭ މައްސަލާގައި ހިމެނޭ ކަންކަމަށް ބެލިއިރު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސް އިދާރީ މުވައްޒަފު، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހައްޔަރުކުރުމުގެ އަމުރު ނެރެ ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދަނީ ހަމަޖެހިފައިވާ ގާނޫނީ އިޖުރާއަތާ ހިލާފަށް ކަމަށެވެ.
"އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފައިވާ ގޮތަށްކަން އެނގެން އޮންނާތީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގަން،" ބަޔާނުގައިވެ އެވެ.
ހައްޔަރުކުރުމުގެ އަމުރާ ގުޅޭ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅުނީއްސުރެ އެ ކޯޓުން އެ މައްސަލައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެނގޭ ގޮތަށް މައްސަލައިގެ ފައިލްގައި ހިމެނޭ އެންމެހައި ލިޔުންތަކާއެކު މައްސަލައިގެ ފައިލް މިރޭ 7:00 ގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވުމަށް ވެސް ސުޕްރީމް ކޯޓުން ކުރިމިނަލް ކޯޓަށް ވަނީ އަންގާފަ އެވެ.
ސުޕްރީމް ކޯޓުން ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރުމަށް ނެރުނު އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހަދައި ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ގިނަ ހައްގުތަކެއް ވަނީ ނިގުޅައިގެންފަ އެވެ.
އެގޮތުން ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމާއި ހައްޔަރުކުރުމުގެ މާއްދާ ވަނީ ހިފަހައްޓާފަ އެވެކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ މާއްދާ ވެސް ހިފަހައްޓާފައިވާއިރު، އިސްތިއުނާފުކުރުމުގެ ހައްގު ވެސް ނުދޭން ސަރުކާރުން އޮތީ ނިންމާފަ އެވެ.
އޭގެއިތުރުން، ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގާއި ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ނޫން ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެސް ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގައިވާ ހައްގުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެ ކަމަށް އަންގާފައިވެ އެވެ. އެގޮތުން އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނު އަސާސީގައިވާ ގޮތުން އެއްވެސް މިންވަރަކަށް ހަނިކުރެވޭނެ ހައްގުތަކެއް ނޫނެވެ.