ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ އެއް ނަމްބަރު ދުޝްމަނެއް ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު ސިފަ ކުރައްވައިފި އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައި ވާތީ، އެބޭފުޅުން މިނިވަން ކުރުމަށް އިންޑިއާގެ އަސްކަރީ އެހީތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންނެވުމާ ގުޅިގެން ރައްދެއްގެ ގޮތުގައި ނިހާން ވިދާޅުވީ ނަޝީދު ވަނީ ގައުމަށް ގައްދާރުވެފައި ކަމަށެވެ.
"މީނާ [ރައީސް ނަޝީދު] އަކީ ކަނޑައެޅިގެން ރާއްޖޭގެ އެންމެ ބޮޑު ދުޝްމަން ކަމަށް ސާބިތުވެފައި ހުރި ހިޔާނާތްތެރިއެއް،" ނަޝީދުގެ ޓްވީޓާ ގުޅިގެން ނިހާނު ވިދާޅުވެފައިވެ އެވެ.
ނިހާން ވަނީ މި "ސުލްހަވެރި ގައުމުގައި" ހަލަބޮލިކަން އުފައްދަން ފިލައިގެން ހުރެ ކަންކަން ނުކޮށް ގައުމަށް ވަޑައިގެން ކެރޭ މީހެއްގެ ގޮތުގައި ނިކުންނެވުމަށް ނަޝީދަށް ގޮވާލައްވާފަ އެވެ. އަދި ނަޝީދުގެ ނަމުގައި ވެރިފައި ކޮށްފައިވާ އެކައުންޓަކުން ކޮށްފައިވާ އެ ޓުވީޓަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށް ގޮވާލައި ކޮށްފައިވާ ޓުވީޓަކަށް ވާތީ އެ މައްސަލަ ބެލުމަށް ދިވެހި ފުލުހުންނަށް ނިހާން ވަނީ ގޮވާލައްވާފަ އެވެ.
އިންޑިއާގެ އަސްކަރީ އެހީތެރިކަމަށް އެދި ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ހައްޔަރުކޮށްފައިވާ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ފަނޑިޔާރުންނާއި އެހެނިހެން ގައިދީން މިނިވަން ކުރުމަށް އިންޑިއާގެ އަސްކަރީ ބާރާ އެކު މަންދޫބަކު ފޮނުވަން އެދިވަޑައިގަންނަވާފަ އެވެ. އަދި އެމެރިކާގެ ބޭންކްތައް މެދުވެރިކޮށް ރާއްޖޭގެ ވެރިން ކުރާ މުއާމަލާތްތައް ހުއްޓުވައި ދިނުމަށް އެމެރިކާގައި ވެސް އެދިވަޑައިގެންފަ އެވެ.