1 ފެބުރުއަރީގެ އަމުރު

ސަރުކާރު ހިމާޔަތް ކުރުމުގައި ދެމި ތިބޭނަން: ފުލުހުން

ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށް، ސަރުކާރު ހިމާޔަތް ކުރުމުގައި ސާބިތު ކަމާއެކު ދެމި އޮންނާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވީ ނަމަވެސް ރައްޔިތުން ކެތްތެރިވެ ތިބުމަށާއި އަމާންކަން ފޯރުކޮށްދޭން ފުލުހުން ކުރަމުންދާ މަސައްކަތައް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އަދި ސަރުކާރު ހިމާޔަތް ކުރުމަށާއި ފުލުހުންނަށް ލާޒިމް ކޮށްފައިވާ ކަންކަން ތަންފީޒު ކުރަން ދެމި އޮންނާނެ ކަމަށް ފުލުހުން ބުންޏެވެ.

ކުއްލި ހާލަތުގެ ނުރައްކާ ސަރުކާރުން އިއުލާން ކުރީ ރޭ 8:00 ހާއިރު އެވެ. އެ ހާލަތު އިއުލާން ކުރި ނަމަވެސް އާންމު ދިރިއުޅުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ގާނޫން އަސާސީގެ 20 މާއްދާއަކާއި ބައެއް ގާނޫނުތައް ވަނީ ސަސްޕެންޑުކޮށްފަ އެވެ.