ކުއްލި ނުރައްކަލުގެ ހާލަތު

މުހައްމާ ހައްޔަރު ކޮށްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ހައްޔަރުކޮށްފި އެވެ.

މުހައްމާ ހައްޔަރު ކޮށްފައިވަނީ ބުރުޒުމަގުން ނެވެ. މުހައްމާ ހައްޔަރު ކޮށްގެން މިހާރު ވަނީ ދޫނިދޫ އަށް ވެސް ގެންގޮސްފަ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެނގިފައިވާ ގޮތުގައި މުހައްމާ ހައްޔަރުކޮށްފައިވަނީ އާދައިގެ ހެދުމުގައި ތިބި ފުލުހުން ނެވެ.

މުހައްމާގެ އިތުރުން ޅ. ނައިފަރު ކައުންސިލްގެ ރައީސް ވެސް އެސްއޯއީގެ ދަށުން ހައްޔަރު ކޮށްފައި ވެއެވެ. އެސްއޯއީގެ ދަށުން އޭނާގެ ފޯން ވެސް ވަނީ ހިފަހައްޓާފަ އެވެ.

މުހައްމާގެ އިތުރުން އެސްއޯއީގެ ދަށުން އިތުރު ދެ މެންބަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމެންބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ. މީގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ސިނާން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ފާރިސްއާ އިލްހާމް އަދި ސިނާން ހައްޔަރު ކޮށްފައިވަނީ، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އެވެ.