ކުއްލި ނުރައްކަލުގެ ހާލަތު

ބިރެއް ނެތް، ބޭނުންވީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑްކުރަން: ރައީސް

ވެރިކަމުގައި ދެވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އުއްތަމަ ފަނޑިޔާއީ ސުޕްރީމް ކޯޓުން އެހެން މުއައްސަސާތަކުގެ ބާރު ކެނޑޭ ގޮތަށް އަމުރުތައް ނެރެމުންދާތީ އާއި އެ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވި އެވެ. އަދި ގައުމުގައި ބިރުވެރި އެއްވެސް ހާލަތެއް ނެތް ކަމަށާއި ބޭނުންފުޅުވީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ނުވަ ބޭފުޅެއް ދޫކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ނުކުރުމުން ގައުމު ހަލަބޮލިވެފައިވަނިކޮށް ރައީސް މިއަދު ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ސުޕްރީމް ކޯޓުން އެމަނިކުފާނުގެ ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލްގެ ބާރުތައް ކަނޑުވައި، އެ ދެ ބޭފުޅުން މަގާމުން ދުރުކޮށް ދައުލަތް ހިންގުމަށް އުނދަގޫކުރުމުން ކަމަށެވެ. މިއީ ބިރުވެރި ހާލަތެއް ނޫން ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުން ފަރުވާ ހޯދަން ބޭނުންވީ ނުހިނގާ ހުރި މައްސަލަތައް ހައްލުކުރުމަށް އެކަނި، މިއަކު ނޯންނާނެ ކާފިއުއެއް، ރައްޔިތުންގެ އެއްވެސް މުއާމަލާތަކަށް އެއްވެސް ކަމަކަށް ހުރަހެއް ނޯންނާނެ، އެކަމަކު ގާނޫނީ ފަރުވާ ނުލިބިގެން ގާނޫނީ ފަރުވާ ބަންދުވެފައިވާ ކަންކަމަށް ހައްލެއް ހޯދާނެ ގޮތްތަށް ހޯދަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތީމަ، ޖަވާބު ދާރީ ކުރެވޭނީ އެ ބޭފުޅުންގެ އެ ނިންމެވުން އެ އަމުރު ބާތިލު ކޮށްގެން، ވަގުތީ ގޮތުން ސަސްޕެންޑް ކޮށްގެން، އެހެންވީމަ ސަސްޕެންޑް ކުރެވެން އޮތީ ކުއްލި ނުރައްކާ އިއުލާން ކޮށްގެން، ސަސްޕެންޑް ކޮށްގެން ވެސް އެ މައްސަލަ ބަލަން ޖެހެނީ މިހާ ކިހާ "ތިކް ކޫއެއް" ތޯ ބަލަންޖެހޭތީ، މީގެ ނިމުން އޮތީ ކިހާ ތާކުތޯ، ގުޅުން އޮތީ ކިހާ ދުރަކަށްތޯ، ރައްޔިތުންގެ ހައްގުގައި އެއީ ރައިސުލްޖުމްހޫރިއްޔާ ކޮށްދޭން ޖެހޭ ކަމެއް،"

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަކީ ދައުލަތަށް ފަސޭހަ އަމުރެއް ނޫން ކަމަށާއި އެ އަމުރުގައިވާ ގާނޫނީ މައްސަލަތައް ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް ހިއްސާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެމަނިކުފާނު އުއްތަމަ ފަނޑިޔާރަށް ގުޅުއްވި ކަމަށާއި އުއްތަމަ ފަނޑިޔާރު ވަނީ އެ މައްސަލަތައް ހުށަހެޅުއްވުމަށް އެދިވަޑައިގެންފަ ކަމަށެވެ.

ނަމަވެސް އޭގެ އަނެއް ދުވަހު ޕްރޮސިކިއުޓާ ޖެނަރަލް މައްސަލަތައް ހުށަހެޅުމުން ސުޕްރީމް ކޯޓުން އަމުރު ނެރުނީ އެ ކަންކަން ބޭރުކޮށްލުމަށްފަހު ކަމަށެވެ. އެ ވަގުތު ޕްރޮސިކިއުޓާ ޖެނަރަލް "މިކަން ވާނެ ގޮތެއް ނެތް،" ކަމަށް ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި މައްސަލަތައް ބައިވަރު ކަމަށާއި އެ އަމުރު ނެރެފައިވަނީ ކޮންމެވެސް ނުފޫޒެއްގެ ދަށުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނުފޫޒު ވަންނަނީ އެންމެ ދިމާލަކުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއީ، ރައީސްއާ ވަރަށް ގާތްކޮށް އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރެއްވުމަށްފަހު ދައުލަތަށް އެއްވެސް އެންގުމެއް، އެއްޗެއް ވިދާޅުވުމަށް ފުރުސަތު ނުދީ އަމުރު ނެރެފައިވާތީ ކަމަށެވެ.

"ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަނީ އެއް ދިމާލަކުން ނޫން އެކަން އެނގިއްޖެ، ކުއްލިއަކަށް ވުޖޫދުގައި ނެތް މައްސަލަތައް ބަލަން ފަށައި، އަދި ވަރަށް އަވަސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަންކަން ނިންމުމަށް، ދައުލަތަކާ މަޝްވަރާއެއް ނުކުރައްވާ، މިއީ ގާނޫނުގަ މިކަން ކުރެވޭނެ ގޮތެއް،" ރައީސް ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ނުފޫޒެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރުކޮށް އެ މައްސަލަ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެކަމަށް ސުޕްރީމް ކޯޓުން އޮތީ ހުރަސް އަޅައި، ޖޭއެސްސީގެ ބާރު ކަނޑުވާލާފަ ކަމަށް ރައީސް ވިދާޅުވި އެވެ. ޖޭއެސްސީގެ ބާރު ކަނޑުވާލުމަކީ މުޅިން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ވާހަކަ ދެއްކޭނެ ގޮތެއް ނެތް، ޖަވާބުދާރީ ކުރެވޭނެ ކަމެއް ނެތް، ދައުލަތުން ކަމެއް ތަންފީޒުކުރަން އުޅޭ ކޮންމެ މީހަކަށް ފިޔަވަޅު އެޅުމުގެ އިންޒާރު މިއޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ހާލަތު އެހެން އޮތްވާ ދައުލަތަށް ހައިރާންކަން ލިބުނީ ރައީސް އަޒުކުރުމަށް ހުށަހެޅި މައްސަލަ އުއްތަމަ ފަނޑިޔާރު، ފަނޑިޔާރުންގެ މަޖިލީހަށް ގެންދަވާ އެކަމާ ބަހުސްކުރުން ކަމަށެވެ. އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމާ މަޝްވަރާކުރުމަކީ ވެސް ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އޭގެއިތުރުން ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް، ކޯޓުގެ ހުރުމަރް ކެނޑި ކަމަށް ކަނޑައަޅައި މަގާމުން ދުރުކުރުމަށް ވެސް ސުޕްރީމް ކޯޓުން މަސައްކަތްކުރިކަން އެނގިވަޑައިގެންނެވި ކަމަށެވެ. ރައީސްއަށް ލިބޭ ބާރުގެ ދަށުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ މަގާމަށް އަލުން ގެންނަން ވެސް ސުޕްރީމް ކޯޓުން މަސައްކަތްކުރި އެވެ.

ކަންކަން އެ ހިސާބަށް ގޮސް އޮތްވާ ފެނިގެން ދިޔައީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާ ގުޅޭ ގޮތުން ބަލަން ފެށި މައްސަލައެއް ކަމަށާއި އެ ބޭފުޅާއަކީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ގާތް ބޭފުޅެއް ކަމަށެވެ. ހަސަންއަކީ އާންމު ފަރުދަކަށްވާއިރު، އޭނާގެ މައްސަލަ ބަލަން ފެށުމުން އެކަން ބާތިލުކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓިވި ކަމަށެވެ. އެކަން އެގޮތަށް ކުރާނަމަ އެއީ، އަދުލު އިންސާފުގެ ނިޒާމު ގެއްލުވާލުން ކަމަށެވެ. ހަސަންއަށް ވެސް ތުހުމަތު ކުރެވޭނަމަ އޭނާގެ މައްސަލަ ބެލޭނެ ކަމަށާއި ކުށުން ބަރީއަވުމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށެވެ.

"ފެނިގެން ދިޔައީ ހަސަން ފްލެޓެއް ގަންނަން ހުށަހަޅާފައިވާ އޮތްތަން، ލިޔެކިޔުމުން އެކަން އޮތީ ފެންނަން، އެއީ ސައްހަ މައްސަލައެއް، ހަމައެއާއެކު ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުގެ ހަމަ މި މައްސަލަ، ފްލެޓެއް ގަންނާނެ ކަމަށް ޔަގީންކަން ދީފައި އޮތް ލިޔުން، ދެން ފެނިގެން ދިޔައީ އަލީ ހަމީދުގެ އަނބިކަނބަލުންގެ ނަމުގަ ފްލެޓެއް، ދަރިފުޅުގެ ނަމުގަ ފްލެޓެއް، ދައުލަތުން އެދޭނެ މަގާމުގަ ތިބޭ މީހުން މުސާރައާ ނުބައްދަލު ކަންކަން ހިނގާނަމަ އެކަން ބަލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ބޭނުންވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް "ބަދަލުތަކެއް" އައީ ކީއްވެގެންތޯ ބެލުމަށް ކަމަށާއި ބެލި ބެލުމުގައި ފްލެޓްގެ މައްސަލަ އޮތުމުން އެ މައްސަލަ ތުހުގީގުކުރަން ބޭނުންވެ، އަމުރުގައިވާ ނުވަ ބޭފުޅުންގެ ތެރެއިން ކޮން ނުފޫޒެއްތޯ އެ ފަނޑިޔާރުންނަށް އޮތީ ބަލަން ބޭނުންވި ކަމަށެވެ.

"މި ތަހުގީގު ކުރެވޭ ކަމަށްވާނަމަ، އެ ބޭފުޅުންނަށް ފައިސާ ލިބުނު ގޮތަކާއި މުއާމަލާތް ކުރެވުނު ގޮތެއް އެނގެން ޖެހޭ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވޭނެ، ރައިސުލްޖުމްހޫރިއްޔާއަށް އުއްތަމަ ފަނޑިޔާރާ އަބަދުވެސް ވާހަކަ ދެއްކޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް މަގެއް ނުފެނުނު، މީގެ އަސްލާ ހަމައަށް ދާކަމަށްވާނަމަ ފަނޑިޔާރުންގެ ވިސްނުމަށް ބަދަލު އައީ ކީއްވެގެންތޯ އާއި ކޮން ކަހަލަ ނުފޫޒެއް އައިގެން ކަމަށްތޯ އަޅުގަނޑު އެބަ ދެނެގަންނަންޖެހޭ، ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލަން އެބަޖެހޭ، އެ މުއްސަނދިކަމާ ގުޅިދާނެ ކަމަށް ބެލެވޭ ވިސްނުމަށް އައި ބަދަލު އެބަ ބެލެންޖެހޭ،"

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ކޮންމެ ބާރެއްގެ ވެރިޔަކު ވެސް ކުރައްވާ ކަމެއް ބެލެންޖެހޭނެ ކަމަށެވެ. ޒިންމާވާން ޖެހޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށްވީ ނަމަވެސް ރައިސުލްޖުމްހޫރިއްޔާ ކަމަށްވީ ނަމަވެސް ކަމަށެވެ.