1 ފެބުރުއަރީގެ އަމުރު

ރައީސް އިއުލާން ކުރެއްވީ "ނަސްރު"

ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ބާތިލުކޮށް މިރޭ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ނެރެއްވި އަމުރު "ނަސްރެއް" ގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ސިފަ ކުރައްވައިފި އެވެ. ރައީސް ވިދާޅުވާ "ނަސްރު" ހޯދުމަށް އެންމެ ބޮޑު ހިދުމަތެއް ކުރީ ދިވެހި ސިފައިންނާއި ފުލުހުން ކަމަށް ވެސް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ބާކީ ތިއްބެވި ތިން ފަނޑިޔާރުން ނެރުއްވި އަމުރާ ގުޅިގެން ޕީޕީއެމްއިން އުފާ ފާޅު ކުރަމުން ދަނިކޮށް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ލިބިފައިވަނީ "ހައްގު ނަސްރެއް" ކަމަށެވެ.

އެމަނިކުފާނު ހުންނެވީ އުފަލުން ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ ހަގީގަތުގައި ވެސް ވަރުބަލިވެފަ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ހިތުގައި ގިނަ ވާހަކަތަކެއް އެބަހުރި ކަމަށެވެ. އެމަނިކުފާނަކީ ޝަރުއީ ކޯޓުތަކަށް ވަރަށް ބޮޑަށް އިހުތިރާމް ކުރެއްވި ބޭފުޅެއް ކަމަށާއި ކޯޓުތަކަށް ފާޑުނުކިޔަން ނުވަތަ އެކަން އެތައް ފަހަރަކު މަނާ ކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ވަކި ބަޔަކަށް މުތުލަގަށް ބާރުތަކެއް ދިނުމުން އޭގެ ނަތީޖާ މިހާރު އެބަ ފެންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓަށް ބާރުތައް ދީފައިވަނީ މުތުލަގަށް ކަމަށާއި ނަމަވެސް އެ ބޭފުޅުން ޖަވާބުދާރީ ކުރުވާނެ އެއްވެސް ގޮތެއް ގާނޫނު އަސާސީގައި ނެތް ކަމަށެވެ. އެއީ މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މުޅި ދައުލަތެއްގެ ނިމުމުން ހާއިނުން ގައްދާރުން ބޭނުންވާ ގޮތަށް އައިނަމަ ފެބްރުއަރީ އެއްވަނަ ދުވަހު ބައްދަލުކުރާނީ ފެބްރުއަރީ ހަތްވަނަ ދުވަހުގެ ނަތީޖާ، އެހެންވެ މި ދަންނަވަނީ މިހުރީ އުފާވެރި ކަމެއްގެ ތެރޭގައެއް ނޫނޭ، އަޅުގަނޑަކަށް ކުރެވުނީ މާމޮޅު ކަމެއް ކަމަށް ވެސް އަޅުގަނޑު ނުދެކެން، އެކަމަކު އަޅުގަނޑު އަޒުމު ވަރުގަދަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ޝަރުއީ ނިޒާމުގެ ތެރެއިން ބަދަލު ގެންނަން އުޅުނު މީހުންނަށް މިކަން ކޮންޓްރޯލް ނުވީސް ކަމަށާއި ފެބްރުއަރީ 7 ދެވަނަ ފަހަރަށް ބަދަލުވީހީ އެހެންވެ ކަމަށެވެ. މިއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރަން އުޅުނު ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ، ރައީސްކަން ކުރައްވާ ބޭފުޅެއްގެ މައްސަލައެއް އުޅޭނަމަ، ކޯޓަށް ގޮސްގެން ހައްލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. ނޫނީ ވޯޓު ފޮށީގެ ނަތީޖާއަށް އިންތިޒާރުކުރަންޖެހޭ ކަމަށެވެ.

"މާތް ﷲ ގެ ރަހުމަތް ތަނަވަސްވީ މިފަހަރު، އަޅުގަނޑުގެ މޮޅު ކަމެއް ނޫން، އެންމެން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެން މިދިޔައީ ރާއްޖެއަށް މި ކުރިމަތިވި ކަންކަން ނަސްރެއްގެ ގޮތުގަ ފުރޮޅިގެން މިދިޔައީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ކަންކަމަކީ ވަރަށް "ޑާޓީ" ކަމެއްކަން މިހާރު އެނގިވަޑައިގެންފި އެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ އެގޮތަށް ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ އިހްލާސްތެރިކަމާއެކު ކަމަށެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ރައިސުލްޖުމްހޫރިއްޔާ ކަމަށާއި އުއްތަމަ ފަނޑިޔާރު ނޫން ކަމަށެވެ. އުއްތަމަ ފަނޑިޔާރަކީ އިންތިހާބު ކުރެވޭ ބޭފުޅަކަށް ވެސް ނުވާއިރު ރައީސްގެ ނިންމުންތަކަށް ފާޑުކިޔާއިރު، އުއްތަމަ ފަނޑިޔާރުގެ ނިންމުންތަކަށް ފާޑުކިޔަން ނުކުރެވޭތީ އެކަމަށް ވެސް ރައީސް ޔާމީން މިރޭ ފާޑުވިދާޅުވި އެވެ.

"އޭނަގެ [އުއްތަމަ ފަނޑިޔާރުގެ] ސިކުނޑިއަށް ނުބަސް ވިސްނުން ވަދެ، ސިޔާސީ ގޮތުން އެނބުރިގެން ގޮސް ގޯސް ގޮތަކަށް ކަންކަން ކުރަން ފަށައިފިއްޔާ ގޯސް ނަތީޖާ ނުކުންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.